ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތިން އަހަރަށް ދެވޭނީ "އެފް" ރިޕޯޓެއް ކަމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ބުނެފިއެެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ ފެއިލްވެފައިވާ ސަރުކާރެއް ކަަމަށެވެ. އެހެންވީމާ މި ސަރުކާރަށް ދެވޭނީ "އެފް" ރިޕޯޓެއް ކަަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިއަދު ވަނީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުން ވަރަށް ގިނަ ކަންކަން ހާސިލް ނުކުރެވޭ ކަމަށް ވިދާޅުވެ ޕްރެޒެންޓޭޝަނެއް ހުށައަޅުއްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރަށް އެއްވެސް ނަތީޖާއެއް ނެރެވިފައިނުވާ ކަމަށާއި، ރައްޔިތުން ތިބީ މާޔޫސްކަމުގައި ކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ބޭރުގެ އިންވެސްޓަރުންގެ އެއްވެސް އިތުބާރެއް ރާއްޖެއަށް މިހާރު ނެތްކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލުނު އެތައް ބަޔަކު މަގުމަތިވެފައިވާ ކަމަށާއި، އެ މީހުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދީ ވަޒީފާގެ ބާޒާރަށް އަލުން ނެރުމަށް ސަރުކާރަށް ކުރެވުނު ކަމެއް ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މަސްވެރިން ބާނާ މަހަށް އަގު ނުލިބުނު ކަމަށާއި، ދަނޑުވެރިން ބާނާ ތަކެއްޗަަށް ރަނގަޅު މާކެޓެއް ލިބިގެން ގޮސްފައިނުވާކަން އާދަމް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

ގޮތްނޭނގޭ މަރުތަކަށް އިންސާފު ހޯދައިދޭނެ ކަމުގެ ވައުދާއެކު ވެރިކަަމަށް އައި ސަރުކާރުގައި އެއްވެސް މަރަކަށް އިންސާފު ހޯދައިދެވިފައިނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މީގެ ކުރިއާ އަޅާބަލާއިރު، ރާއްޖޭގައި ގޮތް ނޭގޭ މަރުތައް ވަަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އެކަމާ ކަންބޮޑުވެގެން ސަރުކާރުން ބަހެއް ބުނެލަން ވާހަކަ ދައްކާތަން ނުފެންނަ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މަސްތުވާތަކެތި އެތެރެ ކުރާ މިންވަރު 200 ކިލޯ އަށް މައްޗަށް އަރާފައިވާ ކަމަށެވެ. އާދަމް ޝަރީފް މިއަދު ވަނީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ސަރުކާރަށް މާދަމާ ތިން އަހަރު ފުރޭނެއެވެ.

އިދިކޮޅުން ސަރުކަރަށް އެފް ރިޕޯޓެއް ދިން ނަމަވެސް ސަރުކާރުން ބުނަނީ ދުނިޔޭގެ ދިގު ތަރީޚުގައި ވެސް ނާންނަ ވަރުގެ އިގުތުޞާދީ އަދި މާލީ ދަތި ކަމެއްގެ ތެރޭގައި ސަރުކާރުން ރައްޔިތުންނާ ގުޅިގެން ކުރެވުނު މަސައްކަތުން ބޮޑެތި ކުރިއެރުން ތަކެއް މިދިޔަ ދެއަހަރުވެސް ހޯދިފައިވާ ކަމަށެވެ. އެގޮތުން ކޯވިޑްގެ ހާލަތުގައި އިންގުތިޞާދު އެންމެ ދަށަށް ދާނެ ކަމަށް ކަނޑައަޅާފައިވާ ދިވެހި ރާއްޖެއިން ކޯވިޑްގެ ހާލަތުން އަރައިގަތުމަށް ކުރެވުނު މަސައްކަތުގައި ރެކޯޑް އަދަދެއްގެ އާބާދީއަށް ވެކްސިންދީ ފަތުރުވެރިކަން އަލުން ހުޅުވާލައި ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް ވިޔަފާރިތަކަށް ބޮޑެތި މާލީ އެހީތައްދީ ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރުކުރި މީހުންނަށް އެލަވަންސްދީ އިގުތިޞާދު އަލުން ކޮޅަށްނަގަން ކުރި މަސައްކަތުން އިގުތިޞާދީ ކުރިއެރުން ވީޝޭޕަށް އަރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު