ރާއްޖޭގެ އިގްތިޞާދަށް އާ ވިޔަފާރިތައް ނެރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ރައީސް އިބްރާހިމް މުހަންމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ގޯލްޑް 100 އެވޯޑް ލިބުނު ވިޔަފާރިތަކަށް އެވޯޑް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ޞާލިޙު ވިދާޅުވީ، ރާއްޖޭގެ އިގްތިޞާދަށް އާ ވިޔަފާރިތައް ނެރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި، ސަރުކާރު އަބަދުވެސް އޮންނާނީ ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގެ އިގްތިޞާދު އަލުން ކުރީގައި އޮތް ހާލަތަށް އިއާދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އާ ވިޔަފާރިތައް ވެސް މަޑުމަޑުން އުފެދެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށާފައިވިޔަސް، މި ބަލިމަޑުކަމުން އަޅުގަނޑުމެންނަށް އަދި މުޅިން އަރައިގަނެވުނީކީ ނޫން. ނަމަވެސް، އުންމީދުގެ ހުޅުކޮޅެއް، ލޮލުކޮޅުން މިހާރު އެބަ ފެނޭ." ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ކޮވިޑްގެ އެންމެ ދަތި ދުވަސްވަރު ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދިން ކަމަށެވެ. އެގޮތުން ބޮޑެތި ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

"އެ ދަތިހާލުގައި ވެސް ވިޔަފާރިތަކުން ވަރަށް ބުރަ މަސައްކަތްތަކެއް އިގްތިޞާދު ދެމެހެެއްޓުމަށްޓަކައި ކުރަމުން ގެންދިޔަކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙު ވިދާޅުވީ، ކޮވިޑްގެ ހާލަތަށްފަހު ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތްހުރީ 70 އިންސައްތައިގައި ކަމަށެވެ. ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މިހާރު ވެސް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

"އޭގެ ނަތީޖާވެސް އިރާދަކުރެއްވިޔާ މަޑުމަޑުން އެބަފެނޭ." ރައީސް ޞާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު