ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތިން އަހަރު ކުރިމަތިވި ދަތި އުނދަގުލުގައި ވެސް ހޯދާފައިވަނީ ބޮޑު ކާމިޔާބީއެއް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއްގައި ސަރުކާރުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ.

"ސަރުކާރުގެ ތިން އަހަރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި، އެމްޑީޕީއަށް، އަދި ސަރުކާރަށް ވަރަށް ބޮޑަށް މަރުހަބާ." ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވިއެވެ.



"ދަތި ތިން އަހަރު"ގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރެއްވީ ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުން ދިވެހި ދައުލަތުގެ މާލިއްޔަތަށާއި ދިވެހި އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކަށް ކަމަށް ބެލެވެއެވެ.

ރައީސް ނަޝީދު ސަރުކާރަށް މަރުހަބާ ވިދާޅުވެފައިވާއިރު ރައީސް ސާލިޙާއި އެމަނިކުފާނާއި ދެމެދު ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މައްސަލައިގައި ވަނީ މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ނަމަވެސް ރައީސް ނަޝީދު އަވަހާރަކޮށްލަށް ދިން ބޮމުގެ ހަމާލާއަށްފަހު ބޭސްފަރުވާ ކުރަށްވައިގެން ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ރައީސް ނަޝީދު ރަސްމީކޮށް ބައްދަލު ކުރަށްވާފައިވަނީ ރައީސް ޞާލިޙާއެވެ. މި ބައްދަލުވުމުގައި ވެސް މައިގަނޑު ގޮތެއްގައި ރައީސް ނަޝީދު ދެއްކެވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ނިޒާމީ ވޯޓުގެ ވާހަކައެވެ.

ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނެސް ރައީސް ސާލިޙު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ސަރުކާރަށް ތިން އަހަރު މިއަދު ފުރިފައިވާއިރު، ކޮވިޑުގެ އާލަމީ ވަބާ އަކީ މިސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. މާލީ ދަތި ކަމެއްގެ ތެރޭގައި ސަރުކާރުން ރައްޔިތުންނާ ގުޅިގެން ކުރެވުނު މަސައްކަތުން ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

އެގޮތުން ކޯވިޑްގެ ހާލަތުގައި އިގްތިޞާދު އެންމެ ދަށަށް ދާނެ ކަމަށް ކަނޑައަޅާފައިވާ ދިވެހި ރާއްޖެއިން ކޯވިޑްގެ ހާލަތުން އަރައިގަތުމަށް ކުރެވުނު މަސައްކަތުގައި އާބާދީގެ ރެކޯޑް އަދަދެއްގެމީހުންނަށް ކޯވިޑް ވެކްސިންދީ ފަތުރުވެރިކަން އަލުން ހުޅުވާލައި ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް ވިޔަފާރިތަކަށް ބޮޑެތި މާލީ އެހީތައްދީ ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރުކުރި މީހުންނަށް އެލަވަންސްދީ އިގުތިޞާދު އަލުން ކޮޅަށްނަގަން ކުރި މަސައްކަތުން އިގުތިޞާދީ ކުރިއެރުން ވީޝޭޕަށް އަރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކޮވިޑުގެ ދަތި ހާލަތުގައި ވެސް ތަރައްގީގެ މަޝްރޫއުތަށް ހުއްޓާނުލައި ކުރިއަށް ގެންގޮސްފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.

އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނަނީ މި ސަރުކާރަކީ ފެއިލްވެފައިވާ ސަރުކާރެއް ކަމަށާއި، ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި އެދެވޭ އެއްވެސް ނަތީޖާ އެއް ނެރެދެވިފައިނުވާ ކަމަށެވެ. ސަރުކާރުގެ ތިން އަހަރަށް އިދިކޮޅު ކޯލިޝަނުން ދިނީ "އެފް" ރިޕޯޓެކެވެ.



ކިޔުންތެރިންގެ ހިޔާލު