ރާއްޖޭގެ ހާލަތަށް ބަލައި އޯވަޑްރޯ ނުވަތަ ފައިސާ ޗާޕުކުރުމަކީ ދައުލަތަށާއި އިގްތިސާދާއި ފިޒިކަލް ޕޮލިސީއަށް މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އޯވަޑްރޯ ނުވަތަ ފައިސާ ޗާޕްކުރުމުގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން ފިނޭންސް މިނިސްޓްރީން ވަނީ މަޖިލީހުގައި އެދިފައެވެ. އަންނަ އަހަރުގެ އޭޕްރީލާ ހަމައަށް އޯވާޑްރޯކޮށް، ނުދެއްކިވާ ފައިސާ ބޮންޑަކަށް ބަދަލު ކޮށްގެން އެމްއެމްއޭއަށް އެ ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިދިނުމަށް އެ މިނިސްޓްރީން ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެގޮތުން އިތުރަށް 3.5 ބިލިއަން ރުފިޔާ ޗާޕް ކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހުގައި ވަނީ އެދިފައެވެ. އަދި އެ ހުށަހެޅުމުގައި ބުނެފައިވަނީ އޯޑީގެ އިންޓްރެސްޓް ރޭޓަކީ 0.1 ޕަސެންޓް ކަމަށެވެ.

ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ފައިސާ ޗާޕްނުކޮށް ދަރަންޏަށް ފައިސާ ނަގައިފިނަމަ ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެގެންދާނެ ކަމަށެވެ. އަދި ފައިސާ ޗާޕްނުކޮށްފިނަމަ ބަޖެޓް 26 ބިލިއަން ރުފިޔާއަށް ކުޑަކުރަންޖެހޭނެ ކަމަށާއި، އޭރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ވެސް މަޑުޖައްސައިލަން ޖެހޭނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ފައިސާ ޗާޕްކުރިއަސް ބޭރު ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ކަމަށެވެ.





"މިހާރު އެހެން ނޫނީ އަޅުގަނޑުމެން ބޮޑު އަގުގައި ބޭރުން ޑޮލަރު ހޯދަންޖެހޭނީ. އެކަންކުރަންވެސް މިދަނޑިވަޅުގައި ދަތިތަކެއް އެބަހުރޭ، އެހެންވީމަ އެކަންކަން މިޓިގޭޓް ކުރުމަށްޓަކައި ދައުލަތަށް، އިގްތިސާދަށް، ފިޒިކަލް ޕޮލިސީއަށް އަޅުގަނޑުމެން އެންމެ ރަނގަޅު ހުށައެޅުން ހުށައަޅާފައި އެއޮތީ." އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ އޯވަޑްރޯ ކުރާ މުއްދަތު އެއް އަހަރަށް އިތުރު ކުރަން ބޭނުންވަނީ ކޮވިޑްގެ ހާލަތު އެއްކޮށް ފިލައިގެން ނުދާތީ ކަމަށެވެ. ކޮވިޑްގެ ހާލަތު މިވަގުތަށް ކޮންޓްރޯލް ކުރެވުނު ނަމަވެސް އިގްތިސާދީ ގޮތުން ހުރި ގޮންޖެހުންތައް ހުރިކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ކުރިން ވެސް ފައިސާ ޗާޕްކޮށް އެކަން މެނޭޖު ކުރި ގޮތަށް ކުރިމަގުގައި ވެސް ކުރެވޭނެ ކަމަށެވެ. އަދި އޯވަޑްރޯ ކުރާ އަދަދު ލިމިޓް ކުރުމުން ވެސް އެ ކަމުން ކުރިމަތިވާނެ ރިސްކްތައް މިހާރަށް ވުރެ ވެސް ކުޑަވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

" އޯލްޓަނޭޓިވް ހުށައެޅުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ވާހަކަ ދެއްކިދާނެ 4.4 ބިލިއަން ރުފިޔާ ސެކިއުރަޓައިޒްކޮށްފައި އޯޑީ ލިމިޓް މިސާލަކަށް 3.5 އިން 2.5 އަށް ކުޑަކޮށްފައި އެމްއެމްއޭއަށް އެންމެ ބޮޑަށް ކަމްފަޓަބަލް ވަނީ 1.5 ޕަސެންޓްގެ އިންސްޓްރެސްޓްގައި ކަމަށް ވާނަމަ އެކަމަށް އަޅުގަނޑުމެން އެއްބަސްވާނަން." އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު