އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކޮށް، އޯވަޑްރޯގެ ލިމިޓް 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ފިނޭންސުން އެދިފައިވާ ގޮތަށް ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިއްމީ މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައެވެ. އެގޮތަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އޯވަޑްރޯގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 3.5 ބިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، އޯޑީގެ ލިމިޓް 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން ހުށައެޅުއްވުމުން އެ ހުށައެޅުން ވަނީ ފާސްވެފައެެވެ. އެ ހުށައެޅުމަށް ތާއީދުކުރައްވާފައިވަނީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފެވެ. ފިނޭންސް މިނިސްޓްރީން ހުށައަޅާފައިވަނީ 0.1 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގައި އޯވަޑްރޯ ކުރުމަށެވެ.

އަންނަ އަހަރު ފައިސާ އޯވަޑްރޯ ކުރުމާއެކު މި އަހަރުގެ ނިޔަލަށް އޯވަޑްރޯ ކޮށްފައިވާ އަދަދު ބޮންޑަކަށް ބަދަލުކުރަން ވެސް ފިނޭންސް މިނިސްޓްރީން ވަނީ މަޖިލީހަށް ހުށައަޅާފައެެވެ. އަދި 2.5 ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައި 50 އަހަރުން އެ ބޮންޑު އަނބުރާ ދައްކާ ގޮތަށް ހަމަޖެއްސުމަށް ކޮމެޓީން ވަނީ ނިއްމާފައެެވެ.

ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ފައިސާ ޗާޕްނުކޮށް ދަރަންޏަށް ފައިސާ ނަގައިފިނަމަ ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެގެންދާނެ ކަމަށެވެ. އަދި ފައިސާ ޗާޕްނުކޮށްފިނަމަ ބަޖެޓް 26 ބިލިއަން ރުފިޔާއަށް ކުޑަކުރަންޖެހޭނެ ކަމަށާއި، އޭރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ވެސް މަޑުޖައްސައިލަން ޖެހޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ އޯވަޑްރޯ ކުރާ މުއްދަތު އެއް އަހަރަށް އިތުރު ކުރަން ބޭނުންވަނީ ކޮވިޑްގެ ހާލަތު އެއްކޮށް ފިލައިގެން ނުދާތީ ކަމަށެވެ. ކޮވިޑްގެ ހާލަތު މިވަގުތަށް ކޮންޓްރޯލް ކުރެވުނު ނަމަވެސް އިގްތިސާދީ ގޮތުން ހުރި ގޮންޖެހުންތައް ހުރިކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ކުރިން ވެސް ފައިސާ ޗާޕްކޮށް އެކަން މެނޭޖު ކުރި ގޮތަށް ކުރިމަގުގައި ވެސް ކުރެވޭނެ ކަމަށެވެ. އަދި އޯވަޑްރޯ ކުރާ އަދަދު ލިމިޓް ކުރުމުން ވެސް އެ ކަމުން ކުރިމަތިވާނެ ރިސްކްތައް މިހާރަށް ވުރެ ވެސް ކުޑަވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"އޯލްޓަނޭޓިވް ހުށައެޅުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ވާހަކަ ދެއްކިދާނެ 4.4 ބިލިއަން ރުފިޔާ ސެކިއުރަޓައިޒްކޮށްފައި އޯޑީ ލިމިޓް މިސާލަކަށް 3.5 އިން 2.5 އަށް ކުޑަކޮށްފައި އެމްއެމްއޭއަށް އެންމެ ބޮޑަށް ކަމްފަޓަބަލް ވަނީ 1.5 ޕަސެންޓްގެ އިންސްޓްރެސްޓްގައި ކަމަށް ވާނަމަ އެކަމަށް އަޅުގަނޑުމެން އެއްބަސްވާނަން،" އަމީރު ވިދާޅުވިއެވެ.

މިއަދުގެ ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އޯޑީ ފެސިލިޓީގެ އިންޓްރެސްޓް ރޭޓު 0.1 ޕަސެންޓްގައި އިނުމަކީ އިންޓްރެސްޓް ރޭޓެއް ނުނެގުން ކަހަލަ ކަމެއް ކަމަށެެވެ. މާލީ ކަންކަން ޒިންމާދާރުކުރަން އެއަށްވުރެ ބޮޑު އިންޓްރެސްޓް ރޭޓެއް ކަނޑައަޅަން ޖެހޭ ކަަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ، އިންޓްރެސްޓް ރޭޓެއް ކަނޑައަޅަން ނިންމީ ހަރަދުތައް ހަމަޖެއްސުމުގައި ދައުލަތް ޒިންމާދާރުކުރުމަށް ކަމަށެވެ.

 



ކިޔުންތެރިންގެ ހިޔާލު