ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުން އެ ވާހަކަ އަކީ ދޮގެއްކަން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ސިފައިންގެ މީހާ މާލޭ މަގުމަތިން ރަހީނުކޮށް އަނިޔާކުރުމަށް ފަހު ޕާކެއްގެ ތެރެއަށް އެއްލައިލީ ކަމަށް އަޑު ފެތުރުނު ނަމަވެސް ކަން ހިނގީ އެހެން ނޫންކަން މިހާތަނަށް ހޯދިހޯދުން ތަކުން އެގިފައިވާ ކަމަށެވެ. ސިފައިންގެ މީހާއަށް އަނިޔާވެފައިވާ ސަބަބު ދެނެގަތުމަށް އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެެވެ.

ފުލުހުން ބުނީ ސިފައިންގެ މީހާއަށް އަނިޔާކުރި މަައްސަލައިގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، ސީރިޔަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ސީރިޔަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޯސްޓްގާޑުގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓް ހަސަން ފަހީމަށް ގުރޫޕަކުން ދިމާކޮށް، އަނިޔާކޮށްފައިވަނީ ފައިސާ ހޯދުމަށް އެމްއެންޑީއެފުން މިއަދު ބުންޏެވެ. އޭނާގެ އަތުން ފައިސާ ނުލިބޭނެކަން ޔަގީންވުމުން އަނިޔާ ކުރުމަށް ފަހު އެއްލާލީ އައިޖީއެމްއެޗް ކައިރިއަށް ކަމަށް އާއިލާއިންއާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައެވެ.

އެމްއެންޑީއެފުން ވަރަށް ވަޠަނީ ރޫހެއްގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ސާޖަންޓް ހަސަން ފަހީމާ ދިމާކޮށްލި ގުރޫޕުން ވަނީ އޭނާ އަށް ބޮޑެތި އަނިޔާތަކެއް ދީފައި ކަމަށެވެ. އެމްއެންޑީއެފުން ބުނީ ހަސަން ފަހީމަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފައެި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު