ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނު ފުރަތަމަ ފަހަރަށް ފުލުހުންނަށް ބަޔާނެއް ދެއްވައިފިއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ މިދިޔަ މޭމަހުގެ 6 ވަނަ ދުވަހު މަޖީދީ މަގާއި ނީލޯފަރު މަގު ގުޅުނު ކަންމަތީގައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ފަރާތްޕުލުން ލިޔުމުން ބަޔާނެއް ދެއްވާފައިވާ ކަމަށެވެ.

މީގެކުރިންވެސް ފުލުހުންނާއި ޕީޖީ އޮފީހުން ވަނީ ރައީސް ނަޝީދުގެ ބަޔާނެއް ނެގުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ސިޓީއަކުން ނޫނީ އީމެއިލް މެދުވެރިކޮށްވެސް އެ ބަޔާން ހޯދަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް އޮތީ ނުވެއެވެ.

ބަޔާން ދެއްވުމާއި ގުޅޭގޮތުން ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ "ބަހަކަށް ވެސް ބަޔާނަކަށް ވެސް ދައްކަން އޮތީ" އެމަނިކުފާނުގެ ޖާނާއި، ހިތްޕުޅާއި އަދި މޭފުޅު ކަމަށެވެ.

މޭ 6 ގެ ހަމަލާއާ ގުޅޭގޮތުން ރައީސް ނަޝީދު ބަޔާންދެއްވާފައިވާއިރު، އެމައްސަލައިގެ ޝަރީއަތް ފެށިގެން މިހާރު ދަނީ ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު