އަހުމަދު މަސްނޫމް   19 ނޮވެމްބަރު 2021 - 17:26
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަބްދުﷲ ހަސަން ނުވަތަ މަޝްހޫރު ނަމުންނަމަ ހޮޅުދޫ އަބްދުﷲ މިއަދު އަވަހާރަވެއްޖެއެވެ.

"ގައުމީ ގުރާ"ގެ ގޮތުގައި ރާއްޖެއަށް މަޝްހޫރުވެފައިވާ އަބްދުﷲ ހަސަން އަވަހާރަވީ ގިނަ ދުވަސް ތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހުއެވެ.

ދިވެހި ލަވަކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ހޮޅުދޫ ޢަބްދުﷲއަށް ވަނީ ލިބިވަޑައިގެންފައެވެ. ގައުމީ ލަވަތައް ވިދާޅުވުމުގައި މަޝްހޫރުކަން ހޯއްދަވާފައިވާ އަބްދުﷲ ހަސަން ލޯބީގެ ލަވަތަކާއި އިޖުތިމާއީ ލަވަތައް އަދި ސިޔާސީ ލަވަތައްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އޭނާއަކީ ރީތި މަދަހަތަކެއްވެސް ވިދާޅުވެދެއްވާފައިވާ ބޭފުޅެކެވެ.

ހޮޅުދޫ އަބްދުﷲގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ،" "އޯ ވަޒަން" އާއި "ގަސް ރުކުން މަލަ ފެވޭ" ފަދަ ލަވަތައް ހިމެނެއެވެ. މި ލަވަތަކަކީ މިހާރުވެސް އެކި މުނާސަބަތު ތަކުގައާއި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކުގައާއި މީސްމީޑިއާގެ އެކި އޮޅިތަކުގައި ވެސް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ލަވަތަކެކެވެ.

ހޮޅުދޫ އަބްދުﷲ ވަނީ ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގައި މަސައްކަތްކުރެއްވިއިރު ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް މީހުން ހޭލުންތެރިކުރުވުމަށް ގިނަ ޕްރޮގްރާމްތަކެއްވެސް އުފައްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު