ދައުލަތް ހިންގުމުގެ ނިޒާމް ބޮޑުކޮށް ރައްޔިތުންގެ ޓެކްސް ފައިސާ ބަހާނެ ސިސްޓަމް އިތުރުކުރުން ނޫން ކަމެއް ސަރުކާރުން ނުކުރާ ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެެެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރުމަށް ނިންމައި 36.9 ބިލިއަން ރުފިޔާގެ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކޮށް މަޖިލީހުގެ ބަޖެޓް ކޮމިޓީން ރޭ ވަނީ ފާސްކޮށްފައެެވެ. އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވީ، ރައީސް ‏މައުމޫނުގެ 30 އަހަރުގައި އުފެއްދި އިންޑަސްޓްރީން ޓެކްސް ނަގައި އިންޑަސްޓްރީ ފުޅާނުކޮށް އޭގެ މަތީގައި އިށީދެ ތިބެ އެތަކެއް ގާނޫނެއް ގަވައިދެއް ހަދައި ދައުލަތް ހިންގުމުގެ ނިޒާމު އަހަރުން އަހަރައް ފުޅާކުރަމުންދާ ކަމަށެވެ.





"ދައުލަތަށް ލިބޭ ހުރިހައި ޓެކުސް ފައިސާ ބަހާނެ ސިސްޓަމް އިތުރު ކުރުން ނޫން ކަމެއް ނުކުރޭ." ދައުލަތް ހިންގުމުގެ ނިޒާމް ބޮޑުކޮށް ބޮޑެތި ޚަރަދުތަކެއް އެކަމަށް ކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.



މީގެ އިތުރުން ޝަރީފް ވިދާޅުވީ ‏ދައުލަތުގެ ބަޖެޓުގެ އާމްދަނީއަށް ބަލާއިރު، އާމްދަނީ އިތުރުކުރަން މަސައްކަތް ނުކުރެވޭކަން އެނގޭ ކަމަށެވެ. ބަޖެޓުން ފެންނަނީ ހިލޭއެހީއަށް އަބަދުވެސް ބަރޯސާވާ މަންޒަރު ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އިންޑަސްޓްރީތަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެން އިތުރު އިންޑަސްޓްރީތައް އުފައްދައި ވަޒީފާ އިތުރުވާނެ ޕްލޭނެއްނެތް." އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އުނިކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ‏ބަޖެޓު ދިރާސާކުރާއިރު ފާއިތުވި އަހަރުގައި ބަޖެޓު ބޭނުންކުރި ހަމަތަކާއި އުސޫލުތަކައް ބަޖެޓު ދިރާސާއިން ނުފެންނަ ކަމަށެވެ. އަދި އިކޮނޮމިސްޓުންގެ ލަފައާއި ރިކޮމެންޑޭޝަނެއް ބަޖެޓުގައި ހިމަނާފައިނުވާކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

"ނިމިދިޔަ އަހަރުތަކުގެ ހިސާބުތައް އޮޑިޓްކޮށް ފާހަގަ ކުރެވޭކަންތައް ހިމެނިފައިނުވޭ، ދިރާސާ ރިޕޯޓަކީ ޓެމްޕްލެޓެއް." ބަޖެޓް ދިރާސާ ކުރި ކޮމެޓީއަށް ފާޑުވިދާޅުވަމުން ޝަރީފް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމެޓީން ފާސްކޮށްފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގެ އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 15.35 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. ބަޖެޓުގައި 24 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ.

އަންނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރިފިޔާގެ ބަޖެޓު މަޖިލީހުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފައިވާއިރު، އެމްއެމްއޭއިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު ސަރުކާރުން އެދިފައިވާ ގޮތަށް އެއްއަހަރަށް އިތުރުކޮށް، އޯވަޑްރޯގެ ލިމިޓް 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު