ވޭތުވެ ދިޔަ ތިން އަހަރަކީ މީގެ ކުރިން ދުވަހަކުވެސް ނުހިންގާހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާ ތިން އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދިއުމުގައި ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވައި، މަޝްރޫޢުތައް ކުރިޔަށް ގެންދާ ކަމަށެވެ.

އޭގެ އިތުރުން ކޯވިޑް19 ގެ ދަތިކަމުގެ ތެރޭގައިވެސް ރައީސް ޞާލިހު ބެއްލެވީ ކަންކަން މެނޭޖްކުރައްވައިގެން، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެވުމަށްކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ 3 އަހަރަކީ މީގެ ކުރިން ދުވަހަކުވެސް ނުހިންގާހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާ 3 އަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެމް.ޓީ.ސީއާއި ފެނަކައިން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކަށް ބެލިނަމަވެސް ނުވަތަ ތަޢުލީމީ ދާއިރާ އަދި ޞިއްޙީ ދާއިރާއަށް ބެލިނަމަވެސް މި ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށްގެންދާތަން ފެނިގެންދާނެކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ. ހަމަ އެހެންމެ ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށް ކޮންމެރަށެއްގައިހެން މަޝްރޫޢުތައް ހިންގަމުން ގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މީގެ 3 އަހަރު ކުރިޔާ ޚިލާފަށް މި ސަރުކާރުން ރައްޔިތުންނަށް ބަސްބުނެއުޅުމާއި ޚިޔާލުފާޅުކޮށް އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީފައިވާކަމަށެވެ.

ނައިބު ރައީސް ހއ. އަދި ހދ ގެ ބައެއް ރަށްރަށަށް ފެއްޓެވި މި ދަތުރުފުޅުގައި މިއަދު ހޯރަފުށްޓަށް ވަޑައިގެންފައިވާއިރު މި ދަތުރުފުޅުގައި ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު