ހއ. ހޯރަފުށީގައި މި ސަރުކާރުން ހުޅުވި އެއާޕޯޓާއެކު އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތަށް އިތުރު ހަކަތައާއެކު ހިނގައިގަތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ހއ. ހޯރަފުށީގައި ސަރުކާރުން ހުޅުވި އެއާޕޯޓަށް އެއްއަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުންނެެވެ. ނާއިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، ހޯރަފުށީ އެއާޕޯޓާއެކު އެސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް އިތުރު ހަކަތައަކާއި އެކު ހިގައިގަތް ކަމަށާއި، މިންތީގެ ތަފާތު ކުރުމެއް ނެތި ވަޒީފާގެ ބާޒާރަށް ތަނަވަސް ފުރުސަތުތަކެއް ލިބިގެންދިޔަ މައިދޮރޯށްޓަކަށް ހޯރަފުށީގެ ވައިގެ ބަނދަރު ވެެގެންދިޔަ ކަމަށެވެ.

އޭގެ ނަތީޖާ އެއްގެ ގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ އެ ސަރަހައްދުގެ ދަތުރުފަތުރު ކުރުން ދަތިކަމަކަށް ވެފައިި އޮތް އޮތުން ނިމުމަކަށް ގެނެވިފައިވާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެެވެ. އަދި ހޯރަފުށީގެ އެއާޕޯޓާއެކު ތަރައްގީއާއި ތަމައްދުން ބޮޑު ތިލަދުންމައްޗަށް ގެނެސް މަންފާއާއި ނަފާ ރައްޔިތުންނަށް ލިބި އެ ސަރަހައްދުގެ ސިނާއީ މަސައްކަތްތަށް ފެށުމުގެ ފާލަމަކަށް އެއާޕޯޓް ވެގެންދިޔަ ކަމަށް ނަހުލާ ވިދާޅުވިއެވެ.



"ހޯރަފުށީގެ ވައިގެ ބަނދަރަކީ ދިވެހިރާއްޖޭގެ އެންމެ އުތުރުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ހަމަހަމަކަން ގެނެސްދިން އެއާޕޯޓެއް، އަދި މިސަރަހައްދުގެ އިގްތިސާދީ ދުވެލި ހަލުވިކަމާއެކު ކުރިއަށް ދިޔުމުގެ ބާރަކަށްވެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބި ރައްޔިތުންނަށް ފޯރުންތެރި ފަހި ދިރިއުޅުމެއް ގާއިމް ކުރެވިގެންދިޔަ ވައިގެ ބަނދަރެއް." ހޯރަފުއްޓަށް އުފަން އެރަށައް ނިސްބަތްވެވަޑައިގަންނަވާ ނަހުލާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަބަލުން ނަހުލާ ވިދާޅުވީ، ހޯރަފުށީގައި މިހާރު ހަމައެކަނި ފުލައިޓް ޖައްސަނީ ދުވާލު ގަޑީގައި ކަމަށާއި، އެކަން ނިމުމަކަށް ގެނެސް ރޭގަނޑު ފުލައިޓް ޖެެއްސުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ރީޖަނަލް އެއާޕޯޓަށް ސިވިލް އޭވިއޭޝަންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އޭގެ އިތުރުން އެ ސަރަހައްދުގެ ޚާއްސަކޮށް، ހޯރަފުށީގެ އެއާޕޯޓުގެ ދަތުރުތައް ގިނަ ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިނިސްޓްރީގެ ފަރާތުން ކުރާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު