މިއަދު އަވަހާރަވި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަބްދުﷲ ހަސަން ނުވަތަ މަޝްހޫރު ނަމުންނަމަ ހޮޅުދޫ އަބްދުﷲ ގެ އާއިލާއަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ތައުޒިޔާ ވިދާޅުވެއްޖެެެއެެެވެ.

"ގައުމީ ގުރާ"ގެ ގޮތުގައި ރާއްޖެއަށް މަޝްހޫރުވެފައިވާ އަބްދުﷲ ހަސަން އަވަހާރަވީ ގިނަ ދުވަސް ތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. އޭނާއަކީ ރާއްޖޭގެ އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެެވެ.

ހޮޅުދޫ އަބުދުﷲ އަވަހާރަވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ ‏ހޮޅުދޫ ޢަބްދުﷲއަކީ މަދަޙަ ވިދާޅުވުމާއި، ތަޢުލީމާ ތިމާވެއްޓާ ޤައުމިއްޔަތުގެ ދާއިރާއިން މީހުން ހޭލުންތެރިކުރުމަށް، ލަވަވިދާޅުވުމުގެ ފަންނުގައި އަގުހުރި ޤައުމީ ޚިދުމަތްތަކެއްކޮށްދެއްވި ބޭފުޅެއް ކަމަށެވެ.





" މާތް ﷲ އެ މަރުޙޫމަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި." ރައީސް ސާލިޙުގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވިއެެވެ.

ދިވެހި ލަވަކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ހޮޅުދޫ ޢަބްދުﷲއަށް ވަނީ ލިބިވަޑައިގެންފައެވެ. ގައުމީ ލަވަތައް ވިދާޅުވުމުގައި މަޝްހޫރުކަން ހޯއްދަވާފައިވާ އަބްދުﷲ ހަސަން ލޯބީގެ ލަވަތަކާއި އިޖުތިމާއީ ލަވަތައް އަދި ސިޔާސީ ލަވަތައްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އޭނާއަކީ ރީތި މަދަހަތަކެއްވެސް ވިދާޅުވެދެއްވާފައިވާ ބޭފުޅެކެވެ.

ހޮޅުދޫ އަބްދުﷲގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ،" "އޯ ވަޒަން" އާއި "ގަސް ރުކުން މަލަ ފެވޭ" ފަދަ ލަވަތައް ހިމެނެއެވެ. މި ލަވަތަކަކީ މިހާރުވެސް އެކި މުނާސަބަތު ތަކުގައާއި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކުގައާއި މީސްމީޑިއާގެ އެކި އޮޅިތަކުގައި ވެސް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ލަވަތަކެކެވެ.

ހޮޅުދޫ އަބްދުﷲ ވަނީ ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގައި މަސައްކަތްކުރެއްވިއިރު ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް މީހުން ހޭލުންތެރިކުރުވުމަށް ގިނަ ޕްރޮގްރާމްތަކެއްވެސް އުފައްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު