އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ
އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ
ފާއިތުވި ތިން އަހަރު، މާލޭ ވޯޓާ އެންޑް ސިވަރެޖް ކޮމްޕެނީ، އެމްޑަބްލިޔު އެސް ސީން ރެކޯޑް އަދަދަކަށް ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް، ރާއްޖޭގެ އާބާދީގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ މުހިންމު ވައުދަކަށްވާއިރު، އެ ވައުދު ފުއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުންފުނީގެ ހައިސިއްޔަތުން އެމްޑަބްލިޔުއެސްސީން ދަނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކުންފުނިން 31 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހިންގަމުން ގެންދާ ކަމަށެވެ. މި ހުރިހާ މަޝްރޫއަކީވެސް ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސަރުކާރުން ހަވާލުކޮށްގެން އެމްޑަބްލިޔުއެސްސީން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި 23 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު، ހަ ރަށެއްގެ ފެނުގެ ނިޒާމު އަދި ދެ ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އެ ހުރިހާ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް މިހާރު އެ ކުންފުނިން ކުރަމުންދާއިރު، ބައެއް މަޝްރޫއުތަކުގެ ބޮޑުބައި ވަނީ މިހާރު ނިމިފައެވެ.

ޖުމުލަ 1.8 ބިލިއަން ރުފިޔާގެ މި މަޝްރޫއުތަކުގެ ދަށުން 3000 އަށްވުރެ ގިނަ ގެއަށް ފެން ގުޅާދިނުމާއި، 3000 އަށް ވުރެ ގިނަ ގެއަށް ނަރުދަމާ ގުޅާދިނުން ހިމެނެއެވެ.

މީގެއިތުރުން އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނިން ކުރިން މަސައްކަތް ފެށި އއ. ރަސްދޫއާއި ޅ. ކުރެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިންމުމަށްފަހު މިހާރު ވާނީ ސަރުކާރަށް ހަވާލުކޮށްފައި ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުތަކުގެ ސަބަބުން މި ސަރުކާރުގެ ވަޢިދާއި އެއްގޮތަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތަކުން ރަށްރަށަށް ފާގަތިކަން ލިބިގެންދާނެކަމަށާއި، ރަށްރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމުގެ ޚިދުމަތް ލިބޭނެކަމަށެވެ. އަދި ވެށީގެ ރައްކާތެރިކަމާއި އިޖުތިމާއީ އިގުތިސާދީ ކުރިއެރުމާއި އަދި ރަށްރަށުގައި ވަޒީފާގެ އިތުރު ފުރުސަތުތައް މީގެސަބަބުން ފަހިވެގެންދާނެ ކަމަށްވެސް ފެންކުންފުނިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން