އަހުމަދު މަސްނޫމް   22 ނޮވެމްބަރު 2021 - 19:7
މިއަހަރުގެ ސެޕްޓެމްބަރުމަހު ގްރީން ފަންޑަށް 72.4 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، އަދި އެމަހު ގްރީން ފަންޑުން 63 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރުމަހު 40 މަޝްރޫއަކަށް ގްރީން ފަންޑުން ވަނީ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

ސެޕްޓެމްބަރުމަހު ގްރީން ފަންޑުން 63 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ އޭގެކުރީ އޮގަސްޓުމަހު ހަރަދުކުރި 32.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު %91 އިތުރު އަދަދެކެވެ.

ގްރީން ފަންޑުން ޚަރަދުކުރި ޖުމްލަ މަޝްރޫޢުތަކަށް ބަލާއިރު، އޮގަސްޓުމަހު 25 މަޝްރޫޢެއް އަދި ސެޕްޓެމްބަރުމަހު 40 މަޝްރޫޢަކަށް ވަނީ ހަރަދުކޮށްފައެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. 2016 ވަނަ އަހަރު ނަގަން ފެށި ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ.

ސެޕްޓެމްބަރުމަހު ގްރީން ފަންޑަށް 72.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެންމެ ބޮޑު ޢާމްދަނީއެއް ޖުލައިމަހު ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ 27.3 މިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު