އަމިއްލަ ކުންފުންޏަކާއި ބަނުމަށް ހަވާލުކުރި ޓަގު ބޯޓެއްގެ މައްސަލައިގައި އެމްޕީއެލުން ދައްކަންޖެހުނު 42 މިލިއަން ރުފިޔާ ދައްކަން ނުޖެހޭގޮތަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މިމައްސަލައަކީ 2008 ވަނަ އަހަރު ސެންޓަރ އެންޓަރޕްރައިސަސް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްގެން ޓަގު ބޯޓެއް ބަންނަން އެމްޕީއެލުން ހަވާލުކޮށްފައިވަނިކޮށް އޭސީސީގެ އެންގުމަކަށް އެ މަސައްކަތް ހުއްޓާލުމުން މަަސައްކަތް ހުއްޓިފައި އޮތް މުއްދަތުގައި ބޯޓު ބެލެހެއްޓުމަށް ހިނގި ޚަރަދުގެ ގޮތުގައި 42 މިލިއަން ރުފިޔާ ހޯދުމަށް އެކުންފުނިން ދައުވާކުރި މައްސަލައެވެ.

މިމައްސަލައިގައި 2017 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ އެ ފައިސާ އެމްޕީއެލުން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭނެކަމަށެވެ. އަދި ހައިކޯޓުން ވަނީ އެ ހުކުމަށް ތާއީދުކޮށްފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ބޯޓު ބަނުމުގެ މަސައްކަތް ހަވާލުކުރީ ސެންޓަ އެންޓަ ޕްރައިސަސްއާ ކަމަށްވާތީ މަސައްކަތް ހިނގާ މުއްދަތުގައި ބޯޓު ބެލެހެއްޓުމަކީ އެ ކުންފުނީގެ އަމިއްލަ ޒިންމާއެއް ކަމަށާއި ބޯޓުގެ މަސައްކަތް ނުނިމެނީސް، އެ ބޯޓު ބެލެހެއްޓުމުގެ ޒިންމާ އެމްޕީއެލުން އުފުލަން ނުޖެހޭނެކަމަށެވެ. އެހެންކަމުން ބޯޓު ބެލެހެއްޓުމުގެ ޚަރަދަށް އެމްޕީއެލްއިން ޒިންމާވާން ނުޖެހޭނެކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައިވެއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބޯޓު ބެލެހެއްޓުމުގެ ޚަރަދަށް ޒިންމާވާނެ ކަމަށް ބުނެ އެމްޕީއެލްގެ ފަރާތުން އެއްބަސްވެފައިވާކަން އެނގެން ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި ބޯޓު ބެލެހެއްޓުމުގެ އަގުގެ ގޮތުގައި ސެންޓަ އެންޓަ ޕްރައިސަސްއިން ހޯދަން އެދުނު އަދަދަކީ ބޯޓުގެ އަސްލު އަގަށް ވުރެ މާ ބޮޑު އަދަދެއް ކަމަށާއި އެއީ ކިހިނެއް ހިނގި ޚަރަދެއްކަން އެނގެން ނެތް ކަަމަށް ވެސް އެ ހުކުމުގައިވެއެވެ.

މި ބޯޓުގެ މައްސަލައިގައި މީގެކުރިން ބޯޓުގެ މަސައްކަތުގެ އަގާއި ޖޫރިމަނާގެ ގޮތުގައިވެސް އިތުރު 136 މިލިއަން ރުފިޔާއާއި އައިޑިއަލް ޗާޖްގެ ގޮތުގައި އިތުރު 21 މިލިއަން ރުފިޔާ ދައްކަންވެސް ސިވިލް ކޯޓުން ކުރިން އޮތީީ ހުކުމްކޮށްފައިވެއެވެ. ނަމަވެސް އެ ހުކުމްތައްވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


8

ނުރަބޯ

24-Nov-2021

ތިޔަ ކުންފުނީގައި ރީނދޫ ފިކުރުގެ އިސްމީހަކު ހުރިނަމަ. ނުވަތަ ތިޔަ ކުންފުނިން ރީނދޫ ފިކުރާގުޅިގެން އެ ފިކުރަށް ބައި އަޅާ ގޮތަށް މައްސަލަ ކުރިޔަށް ގެންދިޔަ ނަމަ, އެމްޕީއެލް ގުރުބާން ކޮށްފަ ތިޔަ ކުންފުންޏަށް ބަދަލު ދިނީސް.