ގަރާޖު ސިޓީ ނެތި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރެވޭގޮތަށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތައް މާލޭގައި ރަޖިސްޓަރީކުރަން ހުށަހަޅަން ޖެހޭނީ ގަރާޖަކާ އެކުގައިކަމަށް އޮންނަ ޝަރުތު އުވާލާގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހެޅީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲއެވެ. މި އިސްލާހު ދިރާސާކުރީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީންނެވެ. ކޮމިޓީންވެސް ނިންމާފައި އޮތީ ޤާނޫނަށް މިއިސްލާހު ގެންނަން ނުފެންނަކަމަށެވެ.

ކޮމިޓީ ރިޕޯޓް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ކޮމިޓީން ނިންމި ގޮތަށް ފާސްކޮށް، ބިލު ބޭރުކޮށްލާފައެވެ. ގަރާޖު ސިޓީ އުވާލާ އިސްލާހު ގެންނަން ނުފެންނަކަމަށް ފާސްކުރިނަމަވެސް ގަރާޖު ސިޓީގެ ސަބަބުން ދިމާވާ މާލީ ތަކުލީފުތަކާއި ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ސިޓީ ކައުންސިލާއި ޓްރާންސްޕޯޓު އޮތޯރިޓީގައި ދަންނަވަން ވަނީ މިއަދު ފާސްކޮށްފައެވެ.

މި ބިލު ފުރަތަމަ ދިރާސާކުރިއިރު، ކޮމިޓީން ނިންމީ ހަތަރު ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ޕާކު ކުރެވޭނެކަމުގެ ލިޔުމެއް ނެތިވެސް ރަޖިސްޓަރީ ކުރެވޭ ގޮތް ހެދުމަށެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުންގެ ޕްރެޝަރުގެ ސަބަބުން ކޮމިޓީން ފަހުން ނިންމީ ހަތަރު ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ޕާކު ކުރެވޭނެކަމުގެ ލިޔުމެއް ނެތި ރަޖިސްޓަރީ ކުރެވޭ ގޮތަށް އޮންނަ އޮތުން އެގޮތުގައި ބާއްވާށެވެ.

މި ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ކޮމިޓީގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ބާއްވާނެ ތަނެއް ނުދައްކާ އެފަދަ ވެހިކަލްތައް ރަޖިސްޓްރީ ކޮށްދޭން ފަށައިފިނަމަ ނުރަނގަޅު ނަތީޖާ ތަކެއް ނިކުންނާނެކަމަށެވެ. އަދި ވެހިކަލް ރަޖިސްޓްރީކުރާއިރު ވެހިކަލް ބާއްވާނެތަނެއް ޔަޤީންކުރަންޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު