ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރޭވިކަމަށް ތުހުމަތުކުރާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ އަތުން ފެނުނު ހާޑް ޑިސްކެއް ތަހުލީލްކުރުމަށް އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފްބީއައިގެ އެހީއަށް އެދުނުކަމަށް ދައުލަތުން ހާމަކޮށްފިއެވެ.

ދައުލަތުން މިކަން ހާމަކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ އިތުރުން ޓެރަރިސްޓް އަމަލެއް ކުރަން ރޭވުމުގެ ދައުވާ އުފުލާފައިވާ އަމީންގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

މީގެކުރިން މި މައްސަލަ ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އަލުން މައްސަލަ ބަލަން ފަށާފައިވަނީ ސުޕްރީމް ކޯޓުން ހުކުމްކުރުމުންނެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ކުރިއަށްދިޔައީ ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ނެގުމެވެ. އެ ދެ މީހުންނަކީ އަމީން އަތުން ފެނުނު ބައެއް ހާޑް ޑިސްކްތައް ތަހްލީލްކުރި ދެ މީހުންނެވެ.

މިއަދު އަޑުއެހުމުގައި ހެކި ބަސް ދިން ފުލުހުންގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް ޒުހައިރު ވިދާޅުވީ, ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓްރީއަށް ގެންދިޔަ ލެޕްޓޮޕެއްގެ ހާޑް ޑިސްކުގައި ފޮރުވާފައިވާ ނުވަތަ އެންކްރިޕްޓްކޮށްފައިވާ ފައިލްތަކެއް ފެނިފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި އައިއެސްގެ ވީޑިއޯތަކެއް ހުރި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. އަދި އޭގެ ތެރެއިން ބައެއް ވީޑިއޯތައް ވަނީ ކޯޓުގައި ދައްކާފައެވެ. އޭގެ ތެރޭގައި ދިވެހި ބަހުން އަޑުއަޅާފައިވާ ވީޑިއޯތަކެއްވެސް ހިމެނެއެވެ.

މިއަދުގެ އަޑު އެހުމުގައި އަމީންގެ ވަކީލު ވަނީ އަމީން އަތުން ގެންދިޔަ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީގައި އޮޅުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. ނަމަވެސް ދައުލަތުން ވަނީ އަމީން އަތުން ފެނުނު ހާޑް ޑިސްކެއް ތަހުލީލްކުރުމަށް އެމެރިކާގެ އެފްބީއައިއަށް ފޮނުވިކަން ހާމަކޮށްފައެވެ.

ރާއްޖޭގައި އުޅޭ އައިއެސްގެ އެންމެ އިސް މީހަކީ އަމީންކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާއިރު އޭނާއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.



ކިޔުންތެރިންގެ ހިޔާލު