ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަކަމަށް ބުނާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އަންނަ އަހަރުގެ ނިޔަލަށް ތަހުގީގުކޮށް ނިންމުމަށް ކަނޑައަޅައި، 10 ރެކޮމެންޑޭޝަނަކާއެކު ބަޖެޓް ރިޕޯޓް ކޮމިޓީން މަޖިލީހަށް ހުށައަޅައިގެން މިއަދު ބަހުސްކޮށްފިއެވެ.

ކޮމިޓީން ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަމުން ގެންދާތާ ދުވަސް ތަކެއް ވެފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އަންނަ 2022 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހުށައެޅީ އެކޮމިޝަނުން އެދުނު ގޮތަށް މުވައްޒަފުން ހޯދުމަށް ބަޖެޓު އިތުރުކުރުމަށް ފަހުގައެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު އެދެވޭ ގޮތެއްގައި އޭސީސީން ކުރިއަށް ނުގެންދާ ކަމަށް ބުނެ މަޖިލީހުން އެކި ފަހަރު މަތީން އޭސީސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އަދި އޭސީސީގެ މަސައްކަތްތައް އެދެވޭ ގޮތެއްގައި ނުހިނގާތީ އެކޮމިޝަނުގެ މުވައްޒަފުން ވަކި ކުރުމުގެ މަސައްކަތް ވެސް މަޖިލީހުން ވަނީ ފަށާފައެވެ.

އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮންނަ މަޖިލީހުން ރުހުންދީގެން އައްޔަނު ކޮށްފައިވާ އޭސީސީ މަޖިލީހުގެ ކޮމިޓީ ތަކަށް ހާޒިރުކޮށް އޭސީސީގެ މެންބަރުން ވަކިކުރާނެ ކަމުގެ އިންޒާރުދިނުމަކީ ކޮމިޓީ ތަކުގައި ޑްރާމާ ކުޅޭހެން ކުރަމުން އަންނަ ވަރަށް ބާ ކަމެކެވެ.

ބަޖެޓު ކޮމިޓީން އަންނަ އަހަރުގެ ބަޖެޓް ދިރާސާކޮށް މަޖިލީހަށް މިއަދު ހުށައެޅި ރިޕޯޓްގައި އިތުރަށް ހިމެނޭ ރިކޮމެންޑޭޝަން ތަކުގެ ތެރޭގައި އާސަންދައިން ކުރާ ހޭދަ ކުޑަކޮށް ބޭކާރު ހޭދަތައް ނުކުރުމަށް އެންގުމާއި، ޚާއްޞަކޮށް ބޭހަށް އެންމެ ގިނައިން ކުރެވޭނެ ޚަރަދު ކަނޑައަޅައި އާސަންދައިން ބޭހަށް ކުރާ ހޭދަ ކުޑަކުރަން ބަޖެޓް ރިކޮމެންޑޭޝަން ތަކުގައި ވެއެވެ. ދައުލަތުގެ ބަޖެޓުން ނުސީދާކޮށްދޭ ސަބްސިޑީތަކުގައި ހުރި ގޯސްކޮށް ހިނގާ ކަންކަން ރަނގަޅުކޮށް އޭގެ ސަބަބުން ހިނގާ ބޭކާރު ޚަރަދުތަކާއި ގެއްލުންތައް ކުޑަކޮށް ދައުލަތުގެ ބަޖެޓުން އިސްރާފުވާ ޚަރަދުތައް ކުޑަކުރުމަށް ފިނޭންސަށް ދެންނެވުމަށް ވެސް ރެކޮމެންޑޭޝަންގައި ވެއެވެ. 2021 ވަނަ އަހަރުގެ ބަޖެޓު ފާސްކުރިފަހުން ގާނޫނު ތަކަށް ގެނެވުނު ބަދަލުތަކާއެކު ޖުމްލަ 52.7 މިލިއަން ރުފިޔާ އަހަރުގެ ތެރޭގައި ބަޖެޓަށް އިތުރުކޮށްފައިވާކަން ފާހަގަ ކުރެވިފައި ވާތީ އައު ގާނޫނު ތަކުން ގެނެވޭ ބަދަލުތަކުން އިތުރުވާ ޚަރަދު ގާނޫނު ޑްރާފްޓް ކުރުމުގެ މަރުހަލާގައި ދެނެގަތުމަށާއި ބަޖެޓުގައި ނުހިމެނޭ އައު ޕޮލިސީއެއް ނުވަތަ އައު ގާނޫނެއް ފާސްވެއްޖެ ނަމަ ދެން ފެށޭ ބަޖެޓު ސައިކަލްގެ ތެރެއިން އެޕޮލިސީއެއް ނުވަތަ ގާނޫނުތައް ތަންފީޒު ކުރުމަށް އަހަރުގެ ތެރޭގައި ބަޖެޓުގައި ނުހިމެނޭ އައު ބިލް ފާސްވެއްޖެ ނަމަ ސަޕްލިމެންޓްރީ ބަޖެޓަކާއެކު ބިލު ފާސް ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ފެންނަ ކަމަށް ވެސް ރެކޮމެންޑޭޝަން ތަކުގައި ވެއެވެ.

ދައުލަތާ ދެކޮޅަށް ބަދަލުހޯދަން ކުރާ ދައުވާތަކުން ލިބޭ ގެއްލުންތަކުގެ ހިރާސް ކުޑަކުރުމަށްޓަކާ މަޝްރޫޢުތަކަށާއި ޚިދުމަތް ހޯދުމަށް ވެވޭ ކޮންޓްރެކްޓްތަކާ ގުޅޭ ކަންކަން އިސްލާހު ކުރުމަށާއި ޖެންޑަރ މިނިސްޓްރީގެ ބައެއް ދާއިރާތަކުން ޖެންޑަރ ރެސްޕޮންސިވް ބަޖެޓްތައް ޕައިލެޓްކޮށް ތައްޔާރު ކުރަން ފިނޭންސަށް އެންގުމާއި އިންތިގާލީ އޮމްބޮޑްސް ޕާސަންގެ އޮފީހަށް އިތުރުކުރި މުވައްޒަފުންގެ ބަޖެޓާއެކު އިންތިގާލީ އިންސާފުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެއޮފީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކޮށް ނިންމުމަށް މަގުފަހިވާ ގޮތަށް އަމަލު ކުރުމަށް އެންގުމަށް ވެސް ބަޖެޓް ރިޕޯޓްގައި ވެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ސްކޫލްތަކާއި ސިއްހީ މަރުކަޒުތަކަށް ކަނޑައަޅާފައިވާ އަދަދުތައް ވަކިވަކިން އެތަންތަނަށް ފެންނާނެހެން ހެދުމަށާއި ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ހުށައަޅަން ޖެހޭ ބިލުތައް ދައުލަތުގެ ބަޖެޓާއެކު ހުށައެޅުމަށް ވެސް ކޮމިޓީގެ ރިކޮމެންޑޭޝަން ތަކުގައި ވެއެވެ.

ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފިޒްކަލް ފޯމިއުލާ ބޭނުންކޮށްގެން ދައުލަތުގެ ބަޖެޓުން ކައުންސިލް ތަކަށް އެއަހަރަކަށް ފާސްކުރާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި އަންދާޒާކުރާ އާމްދަނީން، މަދުވެގެން ލިބިދެވޭ ފަހެއް އިންސައްތައާއި ބްލޮކްގްރާންޓް ދޭ އުސޫލަށް ބަދަލެއް ގެންނަން ޖެހޭތޯ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު އިސްލާހެއް ގެންނަން ޖެހޭނަމަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށައެޅުމަށް ވެސް ބަޖެޓް ކޮމިޓީގެ ރިކޮމެންޑޭޝަން ތަކުގައި ވެއެވެ.

އެގޮތުން ކޮމިޓީން ފާސްކޮށް މިއަދު މަޖިލީހަށް ހުށައެޅި ރިޕޯޓްގައި ވަނީ 2022 ވަނަ އަހަރަށް ލަފާކޮށް ފިނޭންސުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 36.925 ބިލިއަން ރުފިޔާގެ ބަޖެޓަށް ކޮމިޓީން ގެނައި އިސްލާހުތަކުގެ ސަބަބުން އިތުރުވި 73.856 މިލިއަން ރުފިޔާއާއެކު 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ޖުމްލަ ބަޖެޓުގެ އަދަދަކީ 36.999 ބިލިއަން ރުފިޔާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


5

އަޒީ

24-Nov-2021

އަންނަ އަހަރު ނިންމަން ތިއުޅެނީ ކަޅުދަބަސްހިފާގެން ފިލަނވެގެން އުތަ އިރާދަކުރެއްވިއްޔާ ލާހިކެއްނޫން ތިކަނކުރާކަށް ޚަޅަދަބަހާއި ޑޮންޑޮން ދަބަހުގެ ޙަގީގަތް ހޯދަންޖެހޭ