މިިދިޔަ 3 އަހަރުގެ ތެރޭގައި މިފްކޯއިން މަސް ގަތުމަށްޓަކައި މަސްވެރިންނަށް 2.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯއިން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން 2019 ވަނަ އަހަރު އެ ކުންފުނިން ވަނީ 48494 މެޓްރިކް ޓަނުގެ މަސް ގަނެ 39908 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައެވެ. އަދި މަސް ގަތުމަށް 2019 ވަނަ އަހަރު މިފްކޯއިން ވަނީ 903.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

2020 ވަނަ އަހަރަށް ބަލާއިރު، 49392 މެޓްރިކް ޓަނުގެ މަސް ގަނެ 33212 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. އަދި މަސް ގަތުމަށް 879.4 މިލިއަން ރުފިޔާ 2020 ވަނަ އަހަރު ހަރަދުކޮށްފައިވެއެވެ.

މިފްކޯއިން ބުނީ މިއަހަރުގެ މިހާތަނަށް 45349 މެޓްރިކް ޓަނުގެ މަސް ގަނެފައިވާކަމަށެވެ. އަދި މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް 37659 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެއެވެ. މީގެއިތުރުން މަސް ގަތުމަށް މިއަހަރުގެ މިހާތަނަށް 698.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.



މިފްކޯގެ ތަރައްޤީއަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް މަލްޓި މިލިއަން ޑޮލަރުގެ މަޝްރޫޢެއް ދަނީ ހިންގަމުންނެވެ. އަދި މަސް ގަންނަ މިންވަރު އިތުރު ކުރުމަށްޓަކައި 378 ޓަނުގެ މަސް އުފުލޭ ވަރުގެ ބޯޓެއް ވެސް މިދިޔަ މަހު ރާއްޖެ ގެނެސްފައި ވެއެވެ. އަދި ރާއްޖެއިން ބޭރަށް މަސް ފޮނުވުމަށް 2500 ޓަނުގެ ބޯޓެއް މިދިޔަ ޖުލައިމަހުގެ ވަނީ ގެނެސްފައެވެ.

މަސްވެރިން ކިރާ މަހަށް ފައިސާ ދިނުމުގައިވެސް ވަނީ ހަރުދަނާ އުސޫލުތަކެއް ޤާއިމްކޮށްފައެވެ. އެގޮތުން ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ފައިސާ މި ސަރުކާރުން ވަނީ ދައްކާ ހަލާސްކޮށްފައެވެ. އަދި މަސްވެރިންނަށް މިހާރު ކިރާ މަހަށް ލަސްވެގެން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފައިސާ ދެއްކޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.



ކިޔުންތެރިންގެ ހިޔާލު