ކުރީގެ ސަރުކާރުން އިމާރާތްކޮށްފައި ހުރި ހިޔާ ފްލެޓްތައް ތަޅާލަން މި ސަރުކާރުން ވިސްނުން ގެންގުޅުނުކަން ހާމަވެއްޖެއެވެ.

ހިޔާ ފްލެޓްތައް ތަޅާލަން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވިސްނުން ގެންގުޅުނުކަން ހާމަކުރީ، ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ބޮޑު އާބާދީއެއް ކުޑަ ތަންކޮޅަކަށް ޖަމާވާގޮތަށް ހެދި ހިޔާ މަޝްރޫޢުގެ ޕްލޭނަކީ ކުރީގެ ސަރުކާރުން ނިންމި ގޯސް ނިންމެވުމެއްކަމަށެވެ. އަދި އެކަން ބަދަލުކުރެވޭން އޮތްނަމަ އެކަން ކުރީސްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ސަރުކާރުން ކޮށްފައި އޮތްކަމެއް އޭރުގައި. އެނިންމުން އަޅުގަނޑުމެންނާއި ހަމައަށް އައިއިރު، އޮތީ މަސައްކަތް ފަށާފައި. މަސައްކަތް ނުހުއްޓޭ ހިސާބަށް ކުރިއަށް ގެންގޮސްފައި. ވިސްނިން ތަޅާލަންވެސް. އަޅުގަނޑު އެކަނި ނިންމާ ނިންމުމެއްނަމަ ތަޅާލީމުސް. އޭރުވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮއްޓެކޭ. އެވާހަކަ ދައްކަން ފެށީމަ އަޅުގަނޑާއި ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވީ. މީހުން ބުނީ ހެވޭ ދޭށޭ. މިހާރު އެހުރީ ދީފައި ނިންމާފައި." އަސްލަމް ވިދާޅުވިއެވެ.



ހިޔާ ފްލެޓް ތަޅާލަން ވިސްނިކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއިރު، ކުރީގެ ސަރުކާރުން ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ ހޮހަޅައެއްކަމަށްވެސް މިސަރުކާރުން ވަނީ ސިފަކޮށްފައެވެ. ނަމަވެސް އެތަންތަނުގެ ބޭނުން ހިފައި، އޭގެ ސިޔާސީ އަދި އިޤްތިޞާދީ މަންފާވެސް ސަރުކާރުން ހޯދަމުންދާކަން އިދިކޮޅުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު