ރައީސުލްޖުމްހޫރިއްޔާއަށް އިއްޔެ ފަތްކޮޅު އެރުވި 3 ޤައުމުގެ ސަފީރުންނަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އިއްޔެ ފަތްކޮޅު އަރުވާފައިވަނީ ތުރުކީ، ސުވިޓްޒަލެންޑް އަދި ސެނެގާލްގެ ސަފީރުންނެވެ.

ތުރުކީގެ ސަފީރު ރަކީބޭ ޑެމެޓް ސާކަރޗިއޮގްލޫއަށް މަރުހަބާ ދަންނަވާ ޝާހިދު ވިދާޅުވީ ރާއްޖެއާއި ތުރުކީއަކީ މިދިޔަ 40 އަހަރެއްހާ ދުވަހު އެކުވެރި ގުޅުމެއް ބާއްވާފައިވާ، އަދި ރާއްޖެއަށް އެހީތެރިވަމުން އަންނަ ޤައުމެއްކަމަށެވެ. އަދި އަލަށް އައްޔަންކުރި ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޝާހިދު ވިދާޅުވިއެވެ.



ސުވިޓްޒަލެންޑުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޑޮމިނިކް ފަރގްލަރއަށް މަރުހަބާ ދަންނަވާ ޝާހިދު ވިދާޅުވީ ސުވިޓްޒަލެންޑާއި ރާއްޖެއާއި ދެމެދު އޮންނަނީ ގާތް ގުޅުމެއްކަމަށެވެ. އަދި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމާއިމެދު ޝައްކެއް ނުކުރަށްވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.



ސުވިޓްޒަލެންޑާއި ތުރުކީގެ ސަފީރުގެ އިތުރުން، ސެނެގާލް ސަރުކާރުން ކަނޑައެޅުއްވި އައު ސަފީރު އަބްދުލް ވަހާބް ހައިދަރަށްވެސް މިނިސްޓަރ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު