ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ސަރުކާރަށް ބަޖެޓްގެ ދަރަނި މެނޭޖް ކުރެވޭނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިހެން ވިދާޅުވީ އަންނަ އަަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުގެ ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ދައުލަތުގެ ބަޖެޓުގައި ރިކަރަންޓް ޚަރަދުތަކަށް ފައިސާ ހަމަޖައްސަނީ އާމްދަނީ އާއި ހިލޭ އެހީއާއި ޓެކްސް އަދި ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާއިން ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ އިގްތިސާދީ މަޝްރޫއުތަކާއި ތަރައްގީގެ މަޝްރޫއުތައް ނުހިންގައި ވާން ނެތް ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ހޯދަނީ ބޭރު ގައުމުތަކުން ކަމަށް ޝަރީފް ވިދާޅުވިއެެވެ. އިގްތިސާދީ ފައިދާއަށް ހިންގޭ މަޝްރޫއުތަކަކީ އެ މަޝްރޫއުގެ ސަބަބުން އެއިން ލިބޭ އާމްދަނީންނާއި ޓެކުހުންނާއި ކުލިން ކަންކަން ހަމަޖެއްސޭނެ މަޝްރޫޢުތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ދަރަންޏަށް ފައިސާ ނަގައިގެން ރިކަރަންޓް ޚަރަދަށް ނުވަތަ ކޮންޒަމްޝަނަށް ޚަރަދު ކުރާނަމަ ދެން އެ ޚަރަދު ފޫ ނުބެއްދޭނެ. 2022 ވަނަ އަހަރުގެ ބަޖެޓުގެ ޚާއްސަ ހާލަތަކީ ރިކަރަންޓަށް ބޭނުންވާ ޚަރަދު އަޅުގަނޑުމެންގެ ޓެކްސް ނިޒާމްގެ ތެރެއިން ހިލޭ އެހީގެ ތެރެއިން މިކަން ކަމަށް ފުދޭނެ. އިގްތިސާދީ ތަރައްގީއަށާއި މުސްތަގުބަލަށް ޓަކައި ބޭނުންވާ އުމްރާނީ ތަރައްގީގެ ވަސީލަތް ގާއިމް ކުރުމަށްޓަކައި އިތުރުވާ ދަރަނި މި ޚަރަދުކުރަނީ. އެހެންކަމަށްވާނަ އަޅުގަނޑުމެންނަށް ދަރަނި މެނޭޖް ކުރެވޭނެ." ޝަރީފް ވިދާޅުވިއެެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރުމަށް ނިންމައި 36.9 ބިލިއަން ރުފިޔާގެ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރި މަޖިލީހުގެ ބަޖެޓް ކޮމިޓީން ވަނީ ފާސްކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު