ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ނާއިބް ރައީސް މިހާރު ބަންގްލަދޭޝަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އެޑްވައިޒަރ ހިސް އެކްސެލެންސީ ސަލްމާން ރަޙްމާނާއެވެ. މި ބައްދަލުކުރެއްވުމުގައި، ކޮވިޑް-19ގެ ސަބަބުން ދެ ޤައުމަށް ވެސް ކުރިމަތިވެފައިވާ ގެއްލުންތަކާ ގުޅިގެން، ރާއްޖެއާއި ބަންގްލަދޭޝްގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ޞިއްޙީ ޚިދުމަތް ކުރިއެރުވުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި، ޞިއްޙީ ޚިދުމަތުގެ އެކި ދާއިރާތަކުން ޚާއްޞަ ވެގެން، ފަންނީ އަދި ވޮކޭޝަނަލް ތަމްރީނާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ވެސް ރާއްޖެއަށް ބޭނުންވާ ކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ދެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް ޢިމްރާން އަޙްމަދާއެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މަސައްކަތްތެރިން ވީ އެންމެ އަވަހަކަށް ރެގިއުލަރައިޒް ކުރުމަކީ، ސަރުކާރުގެ އަމާޒެއްކަމުގައި ވިދާޅުވެފައެވެ.

އަދި، ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ މީހުންގެ ބޭނުން، މިހާރަށްވުރެ ފަސޭހައިން ހިފުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ހުރިހާ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމުގައި އެ މިނިސްޓްރީގެ އެހީ ބޭނުންވާނެކަމަށެވެ. މީގެ އިތުރުން މުވައްޒަފުންގެ "ކްރިޓިކަލް ސްކިލް" އިތުރުކުރުމަށް ޓެކްނިކަލް ޓްރެއިނިންގއާއި ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ވަރކް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމުގައި ދެޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ދެން ނައިބު ރައީސް ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ހިސް އެކްސެލެންސީ އެމް.ޑީ. ޒާހިދު އަހްސަން ރަސަލްއާ އެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ކުޅިވަރު ދާއިރާ ތަރައްޤީކުރުމަށް، އެތުލީޓުންނަށް ޚާއްޞަ ޓްރެއިނިންގ ކޭމްޕްތަކާއި، ކުޅިވަރުގެ ދާއިރާގެ އެކި ފަންނުތަކުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖޭގެ ކްރިކެޓް އަލުން ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ނައިބު ރައީސް ވިދާޅުވީ ރާއްޖެއަށް ބަންގްލަދޭޝްގެ އޯލް ސްޓަރ ކްރިކެޓް ޓީމެއް މިހާރު އަތުވެއްޖެނަމަ ކުޅިވަރުގެ ރޮނގުން ކުރިއަރާފައިވާ ޒުވާނުންނާއި، އަމިއްލަ ފަރުދުންގެ ސަމާލުކަން ކްރިކެޓަށް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު