ޖުމްހޫރީ ޕާޓީ، ޖޭޕީއަށް އަލަށް ގުޅުނު ގިނަ އަދަދެއްގެ މެމްބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަން، އީސީއަށް ހުށައަޅައިފިއެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޖުމުހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވީ އަލަށް ހުށައެޅި ފޯމުތަކާއެކު އެ ޕާޓީގެ މެމްބަރުންގެ ޖުމްލަ އަދަދު 20000 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. ޖުމުހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައް މާލެއާއި އަތޮޅު ތެރޭގައި އެޕާޓީން ވަނީ ފަށާފައެެވެ. އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ބައެއް ރަށްރަށުގައި އެޕާޓީން ވަނީ ޑޯޓު ޑޯ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނަރަލް އަލީ އާރިފް ވިދާޅުވީ، މިދިޔަ ހަފުތާ އަދި މި ހަފުތާގައި ވެސް އެ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކެއް އީސީއަށް އިއްޔެ ހުށައަޅާފައިވާ ކަމަށެވެ. މި ފޯމްތަކުގެ ތެރޭގައި އއ، އދ، ކ އަދި އެހެން ބައެއް އަތޮޅުތަކުގެ ރަށްރަށުގެ ފޯމްތައް ވެސް ހިމެނޭކަމަށް އާރިފް ވިދާޅުވިއެވެ.

އެގޮތުން އއ. އދ. އަދި ކ އަތޮޅުގެ ރަށްރަށަށް ޖޭޕީގެ ޓީމްތަކުން ދަތުރުކޮށް "ޑޯ ޓު ޑޯ" ހަރަކާތްތައް އެޕާޓީން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެެ. މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ލީޑަރޝިޕްގައި ހިންގާ ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި 3 ވަނައަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ. މިހާރުގެ ކޯލިޝަން ސަރުކާގައި ވެސް ހިމެނޭ ޖުމްހޫރީ ޕާޓީން ކޯވިޑާއި ގުޅިގެން ހުއްޓާލާފައި އޮތް އެޕާޓީގެ ސިޔާސީ ހަރަކާތްތައް އަލުން ފަށާފައިވަނީ މީގެ ކުޑަދުވަސް ކޮޅެއް ކުރިންނެވެ.



ކިޔުންތެރިންގެ ހިޔާލު