ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ ހާއްސަ މަޝްރޫޢެއް ލ. އަތޮޅުގައި ފަށައިފިއެވެ.

ރީ އިމޭޖިނިންގ ޓުއަރިޒަމްގެ ނަމުގައި ލ އަތޮޅުގައި ފެށި މި މަޝްރޫޢަކީ ޓުއަރިޒަމް މިނިސްޓްރީއާއި ޔޫއެންޑީޕީ ގުޅިގެން ފެށި މަޝްރޫޢެކެވެ.

ލ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫޢު ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމެވެ. މި ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހޭސްވެލް އަދި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްއާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއެކު ލ. އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި ޕްރޮޖެކްޓުގެ އެއް ބޭނުމަކީ ލާމަރުކަޒީ ޤާނޫނުން ކައުންސިލުތަކަށް ދީފައިވާ ބާރު އެންމެ ފުރިހަމަ ގޮތުގައި ދީގެން ލޯކަލް ޓުއަރިޒަމުގައި ހުރިހާ ޒިންމާއެއް މިނިސްޓްރީގެ އެއްބާރުލުމާއެކު ކައުންސިލްތަކަށް ފުރޮޅާލުންކަމަށެވެ.

"މި ޕްރޮޖެކްޓު ތެރެއިން ލ. އަތޮޅުގައި ހިންގޭ މި ޕްރޮޖެކްޓަކީ މުޅި ރާއްޖޭގެ ލޯކަލް ޓުއަރިޒަމްގެ ވިސްނުން އިން ޕްރޮޖެކްޓެއް. ޑރ. ނައުޝާދުގެ ވާހަކައިގައި ފާހަގަ ނުކުރެވެނު ނަމަވެސް މި ޕްރޮޖެކްޓަކީ ދުނިޔޭގެ މިފަދަ ޕްރޮޖެކްޓުތަކުގެ ތެރެއިން 10 ވަނައިގައި ގުނާލެވުނު ޕްރޮޖެކްޓެއް." މައުސޫމް ވިދާޅުވިއެވެ.

ލ. އަތޮޅުގައި ފެށި މަޝްރޫޢަކީ ކޯވިޑާއި ގުޅިގެން ސިނާޢަތަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުންތަކަށް ބިނާކޮށް ވިލުންވެރި ފަތުރުވެރިކަމެއް ބިނާކުރުމަށް މަސައްކަތް ކުރުމަށް އެކުލާލެވުނު މަޝްރޫޢެކެވެ. އެގޮތުން ލ. އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުންނާއި އަތޮޅުގެ އެކި ފަންތީގެ ވިޔަފާރިތައް ހިމެނިގެން މަޝްރޫޢު އެކުލަވާލާފައިވާއިރު މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭ ހަރަކާތްތަކުގައި މައިގަނޑު 3 ކަމެއް ހާސިލު ކުރުމަށް ވަނީ ރޭވިފައެވެ.

އެގޮތުން ފުރަތަމަ މަޤްސަދެއްގެ ގޮތުގައި ކައުންސިލްތައް ފަތުރުވެރިކަމުގެ މިންގަނޑުތަކަށް އަހުލުވެރިކޮށް ތަމްރީނު ކުރުމާއި، ފަތުރުވެރިކަމުގައި ރަށުގައި ހުރި ފުރުސަތުތައް ދެނެގަތުމުގެ އިތުރަށް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކައުންސިލުގެ ހިއްސާ އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް ރަށު ފެންވަރުގައި ފަތުރުވެރިކަމަށް އެއްކުރެވިފައި ހުރި މަޢުލޫމާތާއި ރަށުގެ އާންމު މަޢުލޫމާތާއި ސަޤާފީ ކަންކަން ހިމަނައިގެން ވެބްސައިޓެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު