ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި 90 އިންސައްތަ މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިިވާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ހާމަކޮށްފިއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އިމިއުނަރައިޒޭޝަން ޕްރޮގްރާމްގެ ސީނިއާ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ ޙައްވާ ޤުރައިޝާ ވިދާޅުވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 189 ރަށުގެ ތެރެއިން 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި 90 އިންސައްތަ މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިިވާ ކަމަށެވެ.

ގުރައިޝާ ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ ބޫސްޓަރ ޝޮޓް ދެމުން އަންނައިރު މިހާތަނަށް 7203 މީހަކު ބޫސްޓަރ ޝޮޓް ޖަހާފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތތަކާއި ޢުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދާއިމީ ބައްޔަކަށް ބޭސްކުރަމުންދާ މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި އިސްކޮޅަށްވުރެ ބަރުދަން އިތުރު މީހުންކަމަށް އެޗްއީއޯސީއިން ބުނެފައި ވެއެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ދެމުން އަންނައިރު މިވެކްސިން މުއްދަތު ހަމަވާނެކަމަށް ޑަބްލިއުއެޗްއޯއިން އަންގާފައިވަނީ 6 މަސްދުވަހުގެ މުއްދަތެކެވެ. އެހެންނަމަވެސް މި މުއްދަތު މިހާރު އިތުރުކޮށްފައިވާކަމަށް ގުރައިޝާ މިއަދު ވިދާޅުވިއެވެ.

"ޑަބްލިއުއެޗްއޯއިންވަނީ އަންގާފައި ފައިޒާ ވެކްސިންގެ އެކްސްޕަޔަރީ ޑޭޓް 9 މަހަށް އިތުރުކުރި ވާހަކަ. ވެކްސިންގެ އެކްސްޕަޔަރީއަކީ އެބޭފުޅުން ޓެސްޓުކޮށް މިހާރުވެސް ރީސަރޗް ހަދަމުންދާ އެއްޗެއްކަމުން ކުރިން ހުރީ 6 މަސްދުވަހަށް. އަދި 9 މަހަށް ބެހެއްޓުމަށްފަހު ޓެސްޓުކުރިރިއުވެސް އޭގެ އެފިކަސީ އަދި އިފެކްޓިވްނެސް ހުރިކަން ފާހަގަކުރެވޭތީ އޮފިޝަލީ ވަނީ އަންގާފަ މިހާރު ހުރި ފައިޒާ ވެކްސިން ފެބްރުއަރީއާއި ހަމައަށް ބޭނުންކުރެވޭނެކަމަށް." ޤުރައިޝާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ޕްރޮގްރާމް ފަށައިގެން ކުރިއަށްދާއިރު، މިއީ ދުނިޔޭގައިވެސް އެންމެ ކާމިޔާބުކަމާއެކު ވެކްސިން ޕްރޮގްރާމް ހިންގާ އެއް ޤައުމެވެ. އަދި ރާއްޖޭގައި ކޯވިޑްވެސް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު