ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ވިސްނުންތަކާއެކު ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް އާ ބޮޅެއް އިތުރުކޮށް، ރަށްރަށަށް ބޭނުންވާ ޖެންސެޓްތައް ކުންފުނިން ރާއްޖޭގައި އެސެމްބަލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި އަހަރު ޖޫން މަހު ފެށި މި މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ 6 ރަށަކަށް ބޭނުންވާ ޖެންސެޓްތައް އެސެމްބަލްކޮށް އިންސްޓޯލްކޮށް ޚިދުމަތްދޭން ފަށާފައެވެ. އަދި ފާއިތުވި 5 މަސްދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުވެފައި ކާމިޔާބުކަމަށް އެކުންފުނިން ބުނެއެވެ.

މި މަސައްކަތް ފެނަކައިން ކުރަނީ ރާއްޖެއިން ބޭރުން އިތުބާރު ހިފޭ އޮރިޖިނަލް ސްޕެއަރ ޕާރޓްސް ގެނެސް، ރަށްރަށުގައި ހުންނަ ކުންފުނީގެ ވޯރކްޝޮޕްތަކުގައި، ކުންފުނީގެ ދިވެހި އިންޖިނިއަރުން މަސައްކަތް ކޮށްގެންނެވެ. މިގޮތުން މިހާރު މިކުންފުނީގައި 100 ކިލޯވޮޓް އިން ފެށިގެން 1000ކިލޯވޮޓްއާ ހަމައަށް ޑީސަލް އިންޖީނު އެސެމްބްލްކުރުމުގެ ޤާބިލްކަން ހުރިކަން އެކުންުފުނިން ފާހަގަކުރެއެވެ. ފެނަކައިން ބުނީ މިގޮތަށް މި މަސައްކަތް ކުރުމުން، ރާއްޖެއިން ބޭރުން އިންޖީނު އެތެރެކުރުމާ އަޅާބަލާއިރު، ޚަރަދު ކުޑަވެ، ވަގުތު ސަލާމަތްވެ، ދެމެހެއްޓެނިވި އިތުބާރުހުރި ޚިދުމަތެއް ދިނުމަށް މަގުފަހިވެގެން ގޮސްފައިވާކަމަށެވެ.

މި މަސައްކަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ގދ. ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދީ ވޯރކް ޝޮޕް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޮޕަރޭޝަނަށްލުމަށް ދަނީ މަސައްކަތް ކުރަމުންކަމަށް ފެނަކައިން ބުނެއެވެ. އަދި އެންމެ ޒަމާނީ ފުރިހަމަ ވަޞީލަތްތަކާއެކު ޤާއިމްކުރެވޭ މި ވޯރކްޝޮޕް ވެގެންދާނީ ރާއްޖޭގައި މި މަސައްކަތް އެންމެ ފުރިހަމައަށް ކުރެވޭ ވޯރކްޝޮޕް ކަމުގައިކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ ރަށްރަށަށް ބޭނުންވާ އާރް.އޯ ޕްލާންޓްތައްވެސް ފެނަކައިން ރާއްޖޭގައި އެސެމްބަލްކޮށް އިންސްޓޯލްކޮށް ޚިދުމަތް ދެމުން ދާއިރު، މިހާރު އަމާޒު ހިފާފައިވަނީ، އެ މަސައްކަތްތައްވެސް އިތުރަށް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްކަމަށެވެ. މިގޮތަށް މަސައްކަތްތައް ބައްޓަން ކުރެވުމުން، މިހާރު ޕްލާންޓްތައް ހިންގުމުގައި ދިމާވާ ދަތިތަކަށް ރިޢާޔަތްކޮށް، ރާއްޖޭގެ މާޙައުލަށް އެންމެ އެކަށޭނަ އަދި ރައްޔިތުންނަށް އިތުބާރާއެކު މިހާރަށްވުރެ ފުރިހަމަ ޚަރަދުކުޑަ ޚިދުމަތްތަކެއް ދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު