ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ރަސްމީ ގެކޮޅުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި މިއަހަރު ފާހަގަކުރާ ބަންގްލަދޭޝްގެ މިނިވަންކަމުގެ 50 ވަނަ އަހަރުގެ ތަހުނިޔާ އަރިސްކުރިއެވެ. މީގެއިތުރުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ މަޝްވަރާތައްވެސް ކުރިއަށްދިޔައެވެ.



ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް، މިހާރު ބަންގްލަދޭޝްއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އެ ޤައުމުގެ އެޑްވައިޒަރ ޓު ދަ ޕްރައިމިނިސްޓަރ، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން، އާއި ވަކިވަކީން ބައްދަލުކުރައްވައިފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އެޑްވައިޒަރ ހިސް އެކްސެލެންސީ ސަލްމާން ރަޙްމާނާއެކު ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ޞިއްޙީ ޚިދުމަތް ކުރިއެރުވުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި، ޞިއްޙީ ޚިދުމަތުގެ އެކި ދާއިރާތަކުން ޚާއްޞަ ވެގެން، ފަންނީ އަދި ވޮކޭޝަނަލް ތަމްރީނާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ވެސް ރާއްޖެއަށް ބޭނުންވާ ކަމުގައި ވިދާޅުވެފައެވެ. އަދި ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ދެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް، ޢިމްރާން އަޙްމަދާއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މަސައްކަތްތެރިން ވީ އެންމެ އަވަހަކަށް ރެގިއުލަރައިޒް ކުރުމަކީ، ސަރުކާރުގެ އަމާޒެއްކަމުގައި ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވާފައެވެ. އަދި، ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ މީހުންގެ ބޭނުން، މިހާރަށްވުރެ ފަސޭހައިން ހިފުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ހުރިހާ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމުގައި، މިނިސްޓްރީގެ އެހީއަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މުވައްޒަފުންގެ 'ކްރިޓިކަލް ސްކިލް' އިތުރުކުރުމަށް ޓެކްނިކަލް ޓްރެއިނިންގ އާއި ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ވަރކް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމުގައި ދެޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެން ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ހިސް އެކްސެލެންސީ އެމް.ޑީ. ޒާހިދު އަހްސަން ރަސަލްއާއެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ކުޅިވަރު ދާއިރާ ތަރައްޤީކުރުމަށް، އެތުލީޓުންނަށް ޚާއްޞަ ޓްރެއިނިންގ ކޭމްޕްތަކާއި، ކުޅިވަރުގެ ދާއިރާގެ އެކި ފަންނުތަކުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ވަނީ 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) ގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން 14 އަހަރުގެ ދިވެހި އަންހެން ކުޅުންތެރިޔާ ދީނާ ދެއްކި ކުޅުމަށް ތަޢުރީފު ކުރައްވައި، ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ޤާބިލުކަން ހުރި މިންވަރު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ކްރިކެޓް އަލުން ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގައި ކުޅުމަށް އޯލް ސިސްޓާ ބަންގްލަދޭޝްގެ ކްރިކެޓް ޓީމެއް މިހާރު ރާއްޖެ އަތުވެއްޖެނަމަ ކުޅިވަރުގެ ރޮނގުން ކުރިއަރާފައިވާ ޒުވާނުންނާއި، އަމިއްލަ ފަރުދުންގެ ސަމާލުކަން ކްރިކެޓަށް ލިބިގެންދާނެ ކަމަށް ބެލެވޭކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު