އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކޮށްފިއެެވެ.

ޕީޖީ އޮފީހުން ބުނީ އެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ރިޝްވަތު ހިފުމުގެ ދައުވާ މަޚުލޫފްގެ މައްޗަށް އުފުލައި އެމައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް އޭސީސީ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބެހުމުގައި އުޅުނު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށްފައި ވަތީ ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މަޚުލޫފްގެ މައްޗަށް ދައުވާ އުފުލީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.

އޭސީސީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33،000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް އޭސސީ އިން ބުނެފައިވެއެވެ.

އޭސީސީން ބުނީ މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ. އެ ވޯޓަށް ފަހު އަދީބާއި މަހްލޫފާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް ވިދާޅުވީ އެ ފައިސާ ލިބުނު މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. އަދި އޭނާއަށް ފައިސާ ދިން އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް މަޚުލޫފް ވިދާޅުވިއެވެ.

ޚިޔާނަތުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވުމުން ސަސްޕެންޑްގައި މަގާމުން އެކަހެރި ކޮށް އެތައް ދުވަހެއްވަންދެން ބެހެއްޓުމަށްފަހު މަޚުލޫފް ވަޒީރު ކަމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންނެވީ މީގެ ދުވަސްކޮޅެއް ކުރިންނެެވެ.



ކިޔުންތެރިންގެ ހިޔާލު