އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާކުރިނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ބުނީ ރިޝްވަތުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ރިޝްވަތު ހިފުމުގެ ދައުވާ މަޚުލޫފްގެ މައްޗަށް އުފުލައި އެމައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެެ.


އެކަމާ ގުޅިގެން ޓްވިޓާ މެދުވެރިކޮށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ޝަމީމާއި ޔޫތު މިނިސްޓްރީގެ ޕާސަނަލް އެސިސްޓެންޓް އަޒްމޫން އަހްމަދާއި ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓްތަކެއް އާންމު ކުރައްވާފައެވެ. އެ ސްކްރީންޝޮޓްތައް އާއްމު ކުރައްވަމުން ޔޫތު މިނިސްޓަރ މަހްލޫފް ވިދާޅުވީ، މިއީ ކަނޑައެޅިގެން ވަަރަށް ޒާތީ ނިންމުމެއް ކަން، ޝަމީމާއި އަޒްމޫންގެ ޗެޓްލޮގުން ހާމަވާނެ ކަަމަށެވެ. އަދި ވަޒީރު ކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، ކޯޓުގައި ހަގީގަތް ސާފްވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.



"ޝަމީމްގެ ފޮތުގައި އޮންނަ ގޮތަށް ދައުވާ ކުރުމަށް ނިންމާނީ އަޅުގަނޑު "ފުއްޕާވަރަށް އަދި ސައިޒުވާ" މިންވަރުގެ މައްޗަށް." ޗެޓް ލޮގް ތަކުގައި ހުރި ވާހަކަތަކަށް އިޝާރަތް ކުރައްވަމުން މަހްލޫފް ވިދާޅުވިއެވެ.

އަޒްމޫނާއި ޝަމީމާ ދެމެދު ދެކެވިފައިވާ ވާހަކަ ތަކެއްގެ ޗެޓް ލޮގެއް ކަމަށް ވިދާޅުވެ މަހުލޫފު ލީކްކޮށްލެއްވި ޗެޓް ލޮގްގައި ޝަމީމު ވިދާޅުވެފައިވަނީ "900 ދުވަސް ވިޔަސް ބޭކާރު ގޮތުގައި ފުއްޕީމަ ވާގޮތް މީ،" ކަމަށެވެ. ނަމަވެސް މި ޗެޓް ލޮގްގައި ދައްކާފައިވަނީ ކަނޑައެޅިގެން ކާކުގެ ވާހަކައެއް ކަމެއް ދެބޭފުޅުން ވެސް ވިދާޅުވެފައެއް ނުވެއެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް އޭސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބެހުމުގައި އުޅުނު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށްފައި ވަތީ ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.

އޭސީސީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33،000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް އޭސސީން ބުނެފައިވެއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މީގެ ކުރިން ވިދާޅުވީ އެ ފައިސާ ލިބުނު މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު