ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އާންމުކުރެއްވި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ ޗެޓް ލޮގު ތަކަކީ ހަގީގަތެއްނަމަ އޭނާ މަގާމުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ ޗެޓްލޮގު ތަކެއް ހާމަކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަހްލޫފްގެ މައްޗަށް ޕީޖީ އޮފީހުން ރިޝްވަތު ހިފުމުގެ ދައުވާކޮށް އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނިކޮށެވެ. މަހްލޫފް ވަނީ ޕީޖީ ޝަމީމާއި ޔޫތު މިނިސްޓްރީގެ ޕާސަނަލް އެސިސްޓެންޓް އަޒްމޫން އަހްމަދާ ދެމެދު ދެކެވިފައިވާ ކަމަށްބުނާ ވާހަކަތަކުގެ ސްކްރީން ޝޮޓުތަކެއް މީސް މީޑިއާގައި އާންމުކުރައްވާފައެވެ.


އެސްކްރީން ޝޮޓްތަކުގައި ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ މަހުލޫފަށް ދައުވާ ކުރުން، އެއީ ބޭކާރު ގޮތުގައި "ފުއްޕީމާ ވީގޮތެއް" ކަމަށެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ އެ ވާހަކަތަކަކީ އަސްލެއްނަމަ ޕީޖީ ޝަމީމް މަގާމުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތާއި މެދު ރުޅިވެރިކަން އޮވެ ކުރާ ދަައުވާ އަކީ ބާތިލް ދައުވާ އެއްކަމަށް ހައިލަމް ވިދާޅުވިއެވެ.



އާންމުވެފައިވާ ޗެޓް ލޮގު ތަކާއި ގުޅޭގޮތުން ޕީޖީ ޝަމީމް އަދި ވަކިއެއްޗެއް ވިދާޅެެއް ނުވެއެވެ. އެހެންކަމުން އެ ޗެޓްލޮގުތަކުގެ ސައްހަކަން ކަށަވަރު ކުރެވޭ ގޮތް ވެފައެއް ނުވެއެވެ.

މަހުލޫފްގެ މައްޗަށް ޕީޖީ އޮފީހުން ދައުވާ ކޮށްފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް އޭސީސީ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބެހުމުގައި އުޅުނު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށްފައި ވާތީ ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.

ރިޝްވަތުގެ ދައުވާ އުފުލުމާއި ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މިއީ ކަނޑައެޅިގެން ވަަރަށް ޒާތީ ނިންމުމެއްކަން، ޝަމީމާއި އަޒްމޫންގެ ޗެޓްލޮގުން ހާމަވާނެ ކަަމަށެވެ. އަދި ވަޒީރު ކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، ކޯޓުގައި ހަގީގަތް ސާފްވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު