އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ދަރިވަރުންތަކަކަށް ކިޔައިދިން މައްސަލައެއްގައި އައްޑޫ ސިޓީ މީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ އިންޑިއާ ޓީޗަރަކު ސަސްޕެންޑުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދީނާ ހިލާފު ވާހަކަ ދެއްކި މައްސަލައިގައި އެ ޓީޗަރު މަސައްކަތުން އެކަހެރިކޮށް، ގޭގައި މަޑުކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި ދެން އަމަލުކުރާނެ ގޮތެއް އެނގޭނީ މައްސަލަ ބަލާ ނިމުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީޗަރު ވަނީ މާތްﷲ ވޮޑިގެންވާކަން ސާބިތުކޮށްދިނުމަށް ދަރިވަރުން ކައިރީގައި ބުނެފައެވެ. އަދި ގުރުއާނަކީ ވެސް އިންސާނުން އަމިއްލައަށް ލިޔެފައިވާ ހިޔާލީ ވާހަކަތަކެއް ކަަމަށް ދަރިވަރުން ގާތު ބުނެފައިވާ ކަމަށްވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި އިސްލާމްދީނާ ޚިލާފު މިފަދަ ގިނަ އަމަލުތައް ފެންނަމުންދާއިރު އެކަންކަމާމެދު އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު ނޭޅޭކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ. އެގޮތުން ކްރިސްޓިއަން ދީން ފެތުރުމަށް ދިވެހި ބަހުން ވިޑިއޯއާއި ލިއުންތައް ހިމަނައިގެން ހިންގާ ފޭސް ބުކް ޕޭޖެއްގެ މައްސަލަ ފެންމަތިވެގެން އުޅޭތާ އެތައް ދުވަހެއް ވެފައިވާއިރު ކަމާބެހޭ ފަރާތްތަކަށް އެކަން ނުހުއްޓުވޭއިރު އެ ޕޭޖަށް ނުވަދެވޭ ގޮތްވެސް މިހާތަނަށް ހެދިފައި ނުވާކަން އެފަދަ ފަރާތްތަކުން ފާހަގަ ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު