އަހުމަދު މަސްނޫމް   26 ނޮވެމްބަރު 2021 - 2:8
‏ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ނައިބު ރައީސްގެ މަގާމަށް ފާޠިމަތު ނިޢުމާ ހޮވައިފިއެވެ.

ނިއުމާއަކީ ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އައްޔަންކުރައްވާފައިވާ މެމްބަރެވެ.

‏ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ނައިބު ރައީސްގެ މަގާމަށް ފާޠިމަތު ނިޢުމާ ހޮވާފައިވާއިރު ބޯޑުގެ ނައިބު ރައީސަކީ ބޯޑުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ފަރާތެކެވެ.

9 މެމްބަރުންގެ މައްޗަށް އެކުލެވޭ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސަކީ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެވެ. އެގޮތުން މިހާރު އެމަގާމުގައި ހުންނަވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ.

އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ 9 މެމްބަރުންނަކީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރަކާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި، ގާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި، ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރެއްގެ އިތުރުން ފިނޭންސް މިނިސްޓަރު ކަނޑައަޅާ މެމްބަރެކެވެ.

ބޯޑުގެ ރިޔާސަތު ބޯޑުގެ ރައީސް ބަލަހައްޓަވާއިރު، ބޯޑުގެ ރައީސް ޖަލްސާއަށް ހާޒިރުވެނެތް ހާލަތެއްގައި އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ނައިބު ރައީސެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ ދަށުން އެ އޮތޯރިޓީއަށް ވަނީ ބާރާއި މަސްއޫލިއްޔަތުތަކެއް ޙަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު