ދިވެހިރާއްޖެއާއި މޮރިޝަސްގެ ބައުންޑަރީ ޑީލިމިޓްކޮށްދިނުމަށް އެދި މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ދިވެހިރާއްޖެއިން މިއަދު ޖަވާބު ހުށަހަޅައިފިއެވެ.

ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ، އެހެންނަމަވެސް ޙައްލުކުރެވިފައިނުވާ މައްސަލައެކެވެ.

23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީއަށް މައްސަލަ ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގައި އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭގޮތުން އަޑުއެހުންތައް ބޭއްވުމަށްފަހު 28 ޖެނުއަރީ 2021 ގައި ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރުތައް އޮތްކަމަށް އިނގިރޭސި ވިލާތުން ބުނަމުން ގެންދިޔަނަމަވެސް، ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޚްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންވާ ކަމަށެވެ.



ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ޓްރައިބިއުނަލްގެ އެ ނިންމުމާ ގުޅިގެން 25 މޭ 2021 ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ދިވެހިރާއްޖެއިން މިއަދު ޖަވާބު ހުށަހަޅާފައިކަމަށެވެ. އަދި އެ މައްސަލައިގެ އަޑުއެހުން ބާއްވާނެކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރުކަމަށާއި މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވި، ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އިސްކަންދީގެންކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ޤައުމަކަށް މުހިންމު މައްސަލައަކަށްވާއިރު، މި މައްސަލައިގައި ބައިނަލްއަޤްވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަޞްލަޙަތުތައް ދިފާޢުކޮށް ދިވެހިރާއްޖެ ތަމްޞީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ޓީމެއް ވަނީ ޢައްޔަނުކުރެވިފައިކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މި މައްސަލަ މައުޟޫއީ ގޮތުން ބަލައި، މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ޓްރައިބިއުނަލުން ކަނޑައަޅާނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުޞޫލަށް ބިނާކޮށްގެންކަމަށާއި އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބިގެން ދިއުންކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު