އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ނާކާމިޔާބީއާ ކުރިމަތިލުމުގެ ބިރު އެބައޮތްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި، އެމްޑީޕީގެ ތެރޭގައި މިއިން ޒަމާނަކު ނުއުފެދޭވަރުގެ ބައިބައިވުމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެއް ބަޔަކު ރައީސް ނަޝީދަށް ވެރިކަން ހޯދައިދޭން މަސައްކަތްކުރަމުންދާއިރު، އަނެއް ބަޔަކު މަސައްކަތްކުރަނީ ރައީސް ސާލިހު ވެރިކަމުގައި ބެހެއްޓުމަށެވެ.

ޝަރީފް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ ބޮޑު ތަފާތަކުންކަމަށެވެ. ނަމަވެސް މިއަދު އެމަންޒަރު ބަދަލުވުމުގެ ބިރު އެބައޮތްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޕާޓީގެ ތެރޭގައި ހިނގާ އެތެރޭގެ ތަޅާފޮޅުމާއި ބައެއް ލީޑަރުންގެ އަމަލުތައް ހުރި ގޮތުން ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހި، ޕާޓީ ފުނޑިގެން ހިނގައިދާނެކަމަށެވެ.



ދާދިފަހުން ޝަރީފް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދޭންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

މެމްބަރު ޝަރީފް ވިދާޅުވީ ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި އާންމު ގޮތެއްގައި ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ދެވަނަ ދައުރެއް ދޭން ޕްރައިމަރީއެއް ނެތި ޓިކެޓު ހަވާލު ކުރާކަމަށެވެ. އޭގެތެރޭގައި ބާރުގަދަ އެމެރިކާއަކީ ފާހަގަކޮށްލެވޭ ގައުމެކެވެ.

ޝަރީފް ވިދާޅުވީ ވެރިކަމުގައި ހުންނަ ބޭފުޅަކަށް ދެވަނަ ދައުރަކަށް ޓިކެޓް ދޭންޖެހެނީ ގައުމާއި ވެރިކަން ކުރާ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމަށް ކަމަށެވެ. އަދި ޕްރައިމަރީއާއެކު ވެރިކަން ކުރާ ޕާޓީގެ އެތެރޭގައި "ވެރިކަމުގެ ތަޅާފޮޅުމެއް" އައިސްފިނަމަ ޕާޓީ ދެބައިވެ އޭގެ ނުރަނގަޅު އަސަރު ގައުމަށް ވެސް ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން ބޭނުންވާނަމަ ޕްރައިމަރީއެއް ބާއްވަން އޭނާ ވެސް ދެކޮޅު ނޫންކަމަށެވެ. އަދި ރައީސް ނަޝީދު ވެސް ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާނަމަ އެކަން ނުކުރައްވަން އޭނާ އެދިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ބުއްދިވެރި ގޮތެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ޕާޓީ ބައިބައިވެގެން ހިނގައިދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

2023 ގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު ވަނީ އިއުލާން ކުރައްވައިފައެވެ. ނަމަވެސް ރައީސް ސާލިހު ވެރިކަމުގެ އިތުރު ދައުރަކަށް ވާދަކުރެއްވުމާއި ގުޅޭގޮތުން ރަސްމީކޮށް ބަހެއް ވިދާޅެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-8

ސިޔާސީ މަންހަޖް

01-Dec-2021

އަހަތެމެން ބޭނުމީ ރައީސް އިބޫއަށް އިތުރު ދައުރެއް ހޯދައިދޭން. ރައީސް އިބޫއަކީ އަގު ނުކުރެވޭވަރަށް 3 އަހަރުތެރޭ ތަަރައްގީ ގެނުއްވާފައިވާ ހަރުދަނާ ލީޑަރެއް.


-11

ސިޔާސީ މަންހަޖް

01-Dec-2021

އަހަތެމެން ބޭނުމީ ރައީސް އިބޫއަށް އިތުރު ދައުރެއް ހޯދައިދޭން. ރައީސް އިބޫއަކީ އަގު ނުކުރެވޭވަރަށް 3 އަހަރުތެރޭ ތަަރައްގީ ގެނުއްވާފައިވާ ހަރުދަނާ ލީޑަރެއް.