އަހުމަދު މަސްނޫމް   27 ނޮވެމްބަރު 2021 - 15:7
ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ.

ޝާހިދު ޗައިނާއަށް ވަޑައިގެންނެވިއިރު އެމަނިކުފާނަކީ ކޯވިޑަށް ބޯޑަރުތައް ބަންދުކުރިފަހުން ޗައިނާއަށް ވަޑައިގަންނަވާ ބޭރުގެ ފުރަތަމަ އިއްޒަތްތެރިންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ ބޭފުޅެކެވެ.

ޝާހިދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އެޤައުމުގެ ޚާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލަރ ވަންގ ޔީއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި މޫސުމީ މައްސަލަތަކާއި މަލްޓިލެޓަރިޒަމް، އދ ރީފޯމްކުރުން އަދި ޗައިނާގެ ގްލޯބަލް ޑިވެލޮޕްމެންޓް އިނީޝިއޭޓިވްއާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.



ޝާހިދު ވިދާޅުވީ މިބައްދަލުވުމުގައި އެމަނިކުފާނުގެ އުއްމީދީ ރިޔާސަތަށް އެއްބާރުލުންދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ޚާރިޖީ ވަޒީރު ދެއްވާފައިވާކަމަށެވެ.

ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޝާހިދު ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރެއްކަމަށްވާ ޔަންގ ޔިއެޗީއާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައިވެސް ތަފާތު އެކި ދާއިރާތަކުން މަޝްވަރާކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.



ޝާހިދުގެ ދަތުރުފުޅުގެ ތެެރެއިން ވަނީ ޗައިނާގެ ޕްރިމިއަރ ލީ ކެޖިއަންގއާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ޝާހިދު ވަނީ ތަރައްޤީގެ އެކި މަސައްކަތްތަކުގައި ޗައިނާއިން ކުރާ މަސައްކަތްތައް ފާހަގަކޮށްފައެވެ. އެގޮތުން ކޯވިޑް ވެކްސިން ފޯރުކޮށްދިނުމުގައި ޗައިނާއިން ކުރަމުންދާ މަސައްކަތް ޝާހިދު ފާހަގަކުރެއްވިއެވެ.



ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ ޗައިނާގެ މަޝްހޫރު ސީޖީޓީއެންއަށް ޚާއްސަ އިންޓަވިއުއެއްވެސް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު