ހިޔާ ފްލެޓުތަކުގައި ފެން ބިލުގެ މައްސަލަ ދިމާވަނީ ފްލެޓް ހެދި ކުންފުނިން ހަރުކުރި މީޓަރުތަކާއި ފެން ހޮޅިތަކުގެ ސަބަބުންކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ ބައެއް ގެތަކުގެ ފެންބިލަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަރައި އެކަމުގެ ޝަކުވާ އެމްޑަބްލިއުއެސްސީއަށް ވަނީ ލިބިފައެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ހިޔާ ޓަވަރުތަކުގެ ގިނަ އަދަދެއްގެ މީޓަރުތަކުގައި މައްސަލަ އެބަހުރި ކަމަށާއި ބައެއް ގެތަކަށް އާދަޔާ ހިލާފަށް ބޮޑު ފެންބިލެއް އަންނަނީވެސް މިކަމުގެ ސަބަބުންކަމަށެވެ. މިގޮތަށް ފެން ބިލް ބޮޑުވާ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނައިރު، އެމްޑަބްލިއުއެސްސީގެ މީޓަރުތައް، ޓަވަރުތަކުގައި ނެތުމުން އުފުލަންޖެހޭ ތަކުލީފު ބޮޑު ކަމަށް ޝާހު ވިދާޅުވިއެވެ.

"މީގަ ހައްލު ނުވެގެން އުޅޭ މައްސަލައަކީ ފޯލްޓީ މީޓަރުތަކާއި ބައެއް މީޓަރުތަކުގައި ކޮމަން ސީރިއަލް ނަންބަރެއް ހުރެގެން އަޅުގަނޑުމެންގެ ޑޭޓާބޭސްއަކަށް އެންޓާ ކުރެވެން ނެތުން." ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ފެން ބިލުގެ މައްސަލަ ހައްލުކުރުމަށް "ކޮންސަމްޝަން ޕެޓާން އެނާލިސިސް" އެއް ހަދާފައިވާނެކަމަށެވެ. އަދި އެނާލިސިސްގައި 3500 - 4000 އެއްހާ ފްލެޓުގައި ސައްހަ މީޓަރު ހުރިކަން އެނގިފައިވާ ކަމަށާއި އެމީޓަރުތަކަށް ބިލު ކުރެވޭނެކަމަށް ޝާހު ވިދާޅުވިއެވެ.



ޝާހު ވިދާޅުވި ގޮތުގައި މައްސަލަ ހައްލު ކުރުމަށް ފްލެޓް ހެދި ކުންފުނިން އެއްބާރުލުން ނުދޭނަމަ އަމިއްލަ މީޓަރުތައް ބޭނުންކޮށްގެންވެސް މައްސަލަ ހައްލު ކުރާނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 7000 ހައުސިންގ ފްލެޓްގެ ތެރެއިން ބައެއް ފްލެޓްތަކުގެ ފެން ބިލު ބޮޑުވެގެން އެކަން ފާހަގަވީ މިދިޔަ އޮކްޓޯބަރުމަހުއެވެ.

ފެންބިލު ބޮޑުވުމަށް މައިގަނޑު ގޮތެއްގައި ދިމާވާ އެއް ސަބަބަކީ އެޕާޓްމަންޓްތަކުންނާއި ގޭގެ ފެން ވައަރިން، ވޭލްވްތަކުން ނުވަތަ އިސްކުރުތަކުން ފެން ލީކުވުން ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ކުރިން އޮތީ ބުނެފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވަނީ ފްލެޓްގައި ފެން ލީކެއް އުޅޭކަން ފާހަގަކުރެވޭނަމަ، އެކުންފުނީގެ ހޮޓްލައިން ނަމްބަރ 105 މެދުވެރިކޮށް އެކަން ހުށައެޅުމަށް އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު