މާލޭ ސިޓީ ކައުންސިލްގެ ލޯގޯ ބަދަލުކޮށް އާލޯގޯ މޭޔަރު ޑރ. މުޙަންމަދު މުޢިއްޒު މީސް މީޑިއާގައި ހިއްސާ ކުރެއްވުމާއެކު ގިނަ ބައެއްގެ ފާޑުކިއުން މޭޔަރަށް އަމާޒުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރިން ބޭނުން ކުރަމުން ގެންދިޔަ މާލޭގެ ހުކުރު މިސްކިތުގެ ތާރީޚީ މުންނާރު ހިމަނައިގެން ހަދާފައިވާ ލޯގޯ ބަދަލުކޮށް މިހާރުގެ ކައުންސިލުން ލޯގޯއަށް ގެނައި ބަދަލުތަކާއެކު އާ ލޯގޯ މިހަފުތާގައި ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި މޭޔަރު ޑރ. މުއިއްޒު ވަނީ ތުތިމަސް ސިފައަށް ގޮޅިތަކެއް ސިފަކޮށްދޭ އާ ލޯގޯ މީސް މީޑިއާގައި ހިއްސާ ކުރަށްވައި މާލޭ ސިޓީގެ ލޯގޯ ބަދަލުވިކަން އާންމުކޮށް އިޢުލާން ކުރަށްވާފައެވެ.

މިކަމަށް ފާޑުކިޔަމުންދާ ބައެއް މީހުން ބުނެފައިވަނީ ކައުންސިލް ބަދަލުވާ ކޮންމެ ފަހަރަކު ލޯގޯ ބަދަލުކޮށް ކުލަ ބަދަލުކޮށް މުވައްޒަފުން ބަދަލު ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ. އަދި އާންމުކޮށް ބޭނުން ކުރަމުން ގެންދާ ލޯގޯއަށް ބަދަލުތަކެއް ގެނައުމަކީ ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ކޮށްގެން ވާނެ ކަންކަމެއް ނޫންކަމަށް ވެސް އެފަދަ ބައެއް މީހުން ބުނެފައި ވެއެވެ.



"ނިޝާން އަދި ނަންނަމަކީވެސް ބަދަލު ކުރެވޭ ތަކެތި. އެކަމަކު ގެނެވޭ ބަދަލު އިހަށްވުރެ ފުރިހަމަ ވުމަކީ މުހިންމު ކަމެއް. މާލެއާއި މުޅި ރާއްޖޭގެ ތަރިކައާއި ސަގާފަތާއި ދީން ރަމްޒުކޮށްދޭ ހުކުރު މިސްކިތުގެ މުންނާރު ފޮހެލާފައި ހަމައެކަނި ޕީޕީއެމް/ ޕީއެންސީ ކުލަވަރު ނެރެން އުޅުމަކީ ޖޯކެއް." މުޢިއްޒު ހިއްސާ ކުރެއްވި ލޯގޯއަކީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ރަމްޒުކޮށްދޭން ކޮށްފައިވާ މަސައްކަތެއް ކަމަށް ވިދާޅުވެ މުޢިއްޒަށް ރައްދު ދެއްވަމުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑެ ވިދާޅުވެފައިވެއެވެ.

އެހެން ބޭފުޅަކު ވިދާޅުވީ ލޯގޯ ބަދަލު ކުރުމުގައި ވެސް މާލޭ ރައްޔިތުންގެ ހިއްސާ އޮންނަ ގޮތަށް ރައްޔިތުންގެ ޚިޔާލު ހޯދައިގެން އެކަން ކުރި ނަމަ ވަރަށް ފުރިހަމަ ވީސް ކަމަށެވެ. އަދި އެފަދަ ބޮޑު ކަމެއް ކުރާން އެންމެ ރަނގަޅު ގޮތަކީވެސް އެއީ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ބަދަލަށް ތާއީދު ކުރާ އެކަކު ބުނީ މިހާރުގެ ލޯގޯއަކީ މާލޭގެ އަވަށްތަކުން ޒަމާނުއްސުރެ ބޭނުން ކުރަމުން އައި ކުލަތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މާލޭގެ އަވަށްތައް ސިފަކޮށްދޭ ލޯގޯއެއް ކަމަށެވެ. އެއީ އެއްގޮތަށް ވެސް ޕީޕީއެމް/ ޕީއެންސީއާއި ގުޅުންހުރި ލޯގޯއެއް ނޫން ކަމަށް އޭނާ ބުނެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ ލޯގޯ އެންމެ ރަނގަޅު ކަމަށް ބުނި ބައެއް މީހުން ބުނެފައި ވަނީ ތަނެއްގެ ލޯގޯ ވާންޖެހޭނީ ވަރަށް އާދައިގެ ބޭނުން ކުރުމުގައި ވެސް ފަސޭހަ އެއްޗަކަށް ކަމަށެވެ. އެފަދަ މިސާލުތައް ދައްކަމުން އޭނާ ބުނީ މިހާރު އެއްވެސް ބަޔަކު މުންނާރާ ޓަވަރު ފަދަ ބިނާތައް ލައިގެން ލޯގޯ ހަދައި ނޫޅޭ ކަމަށެވެ. އެގޮތުން ދިރާގާ އޫރީދޫ އަދި މައިކްރޯ ސޮފްޓް ފަދަ ބޮޑެތި ކުންފުނި ތަކުން ވެސް ބޮޑެތި ޓަވަރުތަކާއި ފޯނު ފަދަ ތަކެތި އެމީހުންގެ ލޯގޯގައި ބޭނުން ނުކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން ތަޢާރަފުކުރި އެ ކައުންސިލްގެ އާ ލޯގާމެދު އާންމުން ކިޔަމުން ގެންދާ ފާޑުކިއުންތަކަށް މޭޔަރު މުޢިއްޒު އަދި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

އިބްރާހިމް

01-Dec-2021

ބޯހަލާކު މުއިއްޒުއަށް އޮޅިގެން ނޫޅުއްވާ. ޅޯގޯ ބަދަލުޖުރިއަސް ވެރިކަމެއް ނުލިބޭނެ.


0

ހޮރެން

01-Dec-2021

މިދެން ކޮހާދެރަކަމެއް. ކޮންމެ މީހަކު މަސައަކަތްކުަރާކަން ދައްކަން ލޯގޯ،އޮފީހުގެ ނަން، ޔުނީފޯމް، އޮފީހުގެ އިންޓީރިއާރ ބަދަލުކޮށް ރައްޔިތުންގެ ފައިސާ ހަރާބުކުރުން ކޮށް ނޮހޮރޮޕާންކުރުން ނޫންކަމެއް ނުކުރެވޭ. މިހެން މިކުރާ ކަންކަން ހުއްޓުވާ ޖަވާބުދާރީކުރުވަންވެއްޖެ. އިރުއިރުކޮޅާ އޮފީސްތަކަށް މިވަރަށް ބަދަލުގެންނަންޖެހޭތަ.