އިންޑިއާ އައުޓް ކެމްޕެއިން ހިންގަނީ ރާއްޖޭގެ ކޮރަޕްޓް ބައެއްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވުމަށް އެގައުމަށް ކުރެއްވި ދަތުރުފުޅުގައި މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައެވެ.

މާރިއާ ވިދާޅުވީ އިންޑިއާއާމެދު ނަފުރަތު އުފެއްދުމަށް އިންޑިއާ އައުޓް ކެމްޕޭން ހިންގަނީ ކޮރަޕްޓްވެފައި ތިބި ބައެއް ކަމަށެވެ.



މިނިސްޓަރު ވިދާޅުވީ މީސް މީޑިއާގައި އިންޑިއާ އައުޓް ހޭޝްޓެގް ބޭނުންކޮށްގެން ކެމްޕޭންކޮށް އަޑު އުފުލަމުންދަނީ ފޭކް އެކައުންޓުތަކުން ކަމަށެވެ. އެއީ ރާއްޖޭގެ ރައްޔިތުންގެ އަޑު ތަމްސީލުކުރާ ކެމްޕޭނެއް ނޫން ކަމަށްވެސް މާރިއާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެކަމުގައި އުޅޭ ކޮރަޕްޓް މީހުންނަކީ އިންޑިއާއާ ރާއްޖެއާ ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށްކުރާ މަސައްކަތް ހުއްޓުވުމަށް ކުރާ މަސައްކަތަށް ހުރަސް އަޅަން މަސައްކަތްކުރާ މީހުންނެވެ.

މާރިއާ ވިދާޅުވީ ދިފާޢީ ކަންކަމުގައި ދެޤައުމުގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، އިތުބާރާއި، ދެފަރާތުގެ ފައިދާގެ މައްޗަށްކަމަށެވެ. މިގޮތުން، ދިފާޢީ ކަންކަމުގައި ދެޤައުމުގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، އިތުބާރާއި، ދެފަރާތުގެ ފައިދާ އާއި، އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަަށް އޮތް މުހިއްމު ބޭނުމުގެ މައްޗަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، އައި.އެން.އޭ ފަދަ ޤަދަރުވެރި، ތާރީޚީ މުއައްސަސާއަކުން ލިބުނު ޢިލްމާއި ފަންނީ މަޢުލޫމާތާއި ލީޑަރޝިޕްގެ ހުނަރު ބޭނުންކުރަންވާނީ، މިސަރަޙައްދުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޢަޒުމާއި ވިސްނުމުގައި ކަމަށެވެ. މިޒަމާނަކީ ދޭދޭ ޤައުމުތަމުގެ ސަލާމަތާއި ރައްކާތެރިކަމާ އެޤައުމުތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ޒަމާންކަން ފާހަގަކުރައްވައި، މިނިސްޓަރ މާރިޔާ ވިދާޅުވީ، ހިތްވަރާއި ކެރުމާއެކު، ނޭވީ އޮފިސަރުން ކޮންމެ އޮޕަރޭޝަނަކާ ކުރިމަތިލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރ މާރިޔާ ވަނީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އައި.އެން.އޭ އިން ތަމްރީނުކޮށްދީފައިވާ އެމް.އެން.ޑީ.އެފް އޮފިސަރުން، މިއަދު މަތީ ރޭންކުތަކުގައި، ދިވެހި އަސްކަރިއްޔާއަށް ޚިދުމަތްކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އައި.އެން.އޭ އަށާއި އިންޑިޔާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

އިންޑިޔާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ކަރަމްބީރު ސިންގުގެ ދަޢުވަތަކަށް އިންޑިޔާއަށް ކުރެއްވި މިދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ، އިންޑިޔާގެ ނޭވީގެ ސަދަރން ކޮމާންޑަށާއި އިންޑިއަން ނޭވަލް އެކެޑަމީއަށް ޒިޔާރަތްކުރައްވައި، ޓްރެއިނިންގ ފެސިލިޓީތައް ބައްލަވާލައްވާފައެވެ. އަދި އިންޑިޔާގައި ތަމްރީނުވަމުންދާ ދިވެހި ސިފައިންނާވެސް އެކަމަނާވަނީ ބައްދަލުކުރައްވާފައެވެ.

އިންޑިޔާގެ ނޭވީގެ ޓްރެއިނިންގ ކޮމާންޑުކަމަށްވާ ސަދަރން ނޭވަލް ކޮމާންޑުންވަނީ، އެމް.އެން.ޑީ.އެފަށް ބޭނުންވާ ހުރިހާ ރޮނގަކުން، ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދޭނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު