ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަޙީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް މިއަދު ނެރޭނެ ކަމަށް އޭނާގެ މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ޤާޟީ ޙަސަން ސަޢީދު ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުންވެސް ކޯޓަށް ހާޒިރުވެ އަޑުއެހުމުގައި ބައިވެރިވާން ކޯޓުން އަންގާފައިވާނެ ކަމަށާއި ނަމަވެސް އަލީ ވަޙީދު ކޯޓަށް ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ.

ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަޙީދަށް އެ ކޯޓުން އެންގުމުން ކޯޓަށް ހާޒިރުވެވަޑައިނުގެންނެވި މައްސަލާގައި އެ ކޯޓުން ނިންމާފައިވާ ނިންމުމާ ހަވާލާދީ ޤާޟީ ވިދާޅުވީ ދެން އަލީ ވަޙީދު ކޯޓަށް ހާޒިރުކުރާނީ ފުލުހުން މެދުވެރިކޮށް ބަންދުކޮށްގެން ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުއްވާނެ ކަމަށްވެސް ގާޟީ ވިދާޅުވިއެވެ.

މީގެއިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު (ތިން ދުވަސް) ތެރޭ ކްރިމިނަލް ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅާނެކަމަށްވެސް ގާޟީ ވިދާޅުވިއެވެ.

ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ވަޑައިގެންފައިވަނީ ބޭސްފަރުވާއަށް 4 މަސްދުވަހުގެ މުއްދަތަކަށް ބޭރަށް ވަޑައިގަތުމަށް ކުރިމިނަލް ކޯޓުން ހުއްދަ ދިނުމާ ގުޅިގެންނެވެ. އެހެންނަމަވެސް އެ މުއްދަތުގައި އޭނާ އަނބުރާ ވަޑައިގެންފައެއް ނުވެއެވެ. އޭގެފަހުން ސުޕްރީމްކޯޓުގައި އޮތް މައްސަލައަކަށް އޭނާ ހާޒިރުނުވެގެން ވަނީ ޖަލު ހުކުމެއްވެސް އިއްވާފައެވެ.

މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް އެކިކަހަލަ ޖިންސީ ފުރައްސާރަކޮށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީގެ މައްޗަށް ވަނީ ގިނަ ދައުވާ ތަކެއް އުފުލާފަ އެވެ. އޭނާ ރާއްޖެއިން ފުރައިގެން ދާން ކޯޓުން ހުއްދަ ދިނީ ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު


3

ނުރަބޯ

01-Dec-2021

ނާޅާނެ.