ރާއްޖޭގައި "ކޮމިކްރޯން" ވޭރިއަންޓް އުޅޭތޯ ބެލުމަށް ސާމްޕަލް ފޮނުވާފައިވާ ކަމަށާއި، އޭގެ ނަތީޖާ ލިބެން ދެތިން ހަފްތާ ނަގާނެކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖެއިން ކޮވިޑްޖެހޭ މީހުންގެ ގައިން ފެންނަ ވޭރިއެންޓްތައް ދެނެގަނެވެނީ ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ކަމަށެވެ. އަދި މިހާރު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ލިބެން ދެތިން ހަފުތާވަރު ނަގާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސައުތު އެފްރިކާއިން ފެނިގެން އުޅޭ ކޮވިޑް-19ގެ އާ ވޭރިއަންޓް "ކޮމިކްރޯން" ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވިކޮށް ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެން ނަމަވެސް އެކަން ޔަގީން ކުރެވިފައިނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ،"ކޮމިކްރޯން" އަކީ މިހާތަނަށް އެންމެ ގިނަ މިއުޓޭޝަންސް ހުރި ކަމަށް ފެނުނު ވޭރިއަންޓް ކަމަށެވެ.

ނަޒްލާ ވިދާޅުވީ "އޮމިކްރޯން" ވޭރިއަންޓަކީ ބަލި ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް ވެސް އަލުން ބަލި ޖެހުމުގެ ފުރުސަތު ބޮޑު ވޭރިއަންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ވޭރިއަންޓެއް ކަމަށެވެ. އެހެން ނަމަވެސް އެ ވޭރިއަންޓުގެ ޒަރީއާއިން ބަލި ޖެހޭ މީހުންނަށް ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު ބޮޑުކަމެއް ނޫނީ ސިވިއަރިޓީ މަތިކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. ނަޒްލާ ވިދާޅުވީ، ދަތުފަތުރުގެ ސަބަބުން ރާއްޖެއަށް އާ ވޭރިއަންޓުތައް އައުން ނުހުއްޓުވޭ ކަމަށެވެ. އެހެން ނަމަވެސް ޕީކްތައް އައުން މަދުކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެކި ގޮތް ގޮތަށް މިގޮތަށް ވޭރިއަންޓްތައް އަންނައިރު އިތުރު ވޭރިއަންޓްތައް ވެސް އަންނާނެ، އަދި އަޅުގަނޑުމެންނަށް ޑިޑެކްޓް ނުކުރެވޭ އެއްޗެހި ވެސް ހުންނާނެ ސަލާމަތީ ފިޔަވަޅުތަކަކާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މީގައި މުހިންމު ކަމަކީ ރާއްޖެ އެތެރެވުމަށް މިކުރާ ކަންތައްތަކުގެ އިތުރަށް ހަމަ ރާއްޖޭގެ އެތެރޭގައި ވެސް ކުރާ ކަންތައްތައް ކުރުން މުހިންމު." ނަޒްލާ ވިދާޅުވިއެވެ.

އާ ވޭރިއަންޓެއް އުޅޭކަން ދެނެގަނެވޭނެ ހަމައެކަނި ގޮތަކީ ސާމްޕަލްތައް ޓެސްޓުކުރުން ކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ ބޭރަށް ސާމްޕަލް ފޮނުވައިގެން ހަދާ ޓެސްޓުތައް ރާއްޖެއިން ހެދޭނެ އިންތިޒާމު ހަމަޖައްސަން ތަކެތި ގެނެސްފައި ވާކަމަށެވެ. އެހެން ނަމަވެސް ރާއްޖެއިން ޓެސްޓް ހަދަން ފަށަން ވަގުތު ނަގާނެކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެއީ މި ވޭރިއެންޓް ފުރަތަމަ ފެނުނު ދެކުނު އެފްރިކާ އާއި ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީއެވެ. މީގެ އިތުރުން ބޭރު ގައުމުތަކުން ރާއްޖެ އެތެރެވާ ހުރިހާ މީހުން ވެސް ކަރަންޓީނު ވާންޖެހޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.



ކިޔުންތެރިންގެ ހިޔާލު