ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުރިކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އެއީ ކޮން ޝަކުވާތަކެއްކަން ޔަގީންނުވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މިނިސްޓްރީގެ ހިދުމަތްތައް ލަސް ވާހަކައާއި ޝަކުވާ ހުރިކަމުގެ ވާހަކަ މަޖިލީހުގެ އެކި މެންބަރުންނާއި މަޖިލީހުގެ ކޮމިޓީތަކުން އެކަމަނާއާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އެކަމަނާ މަޖިލީހުގެ ކޮމިޓީއަށްވެސް ހާޒިރުކޮށް ސުވާލުކޮށްފައިވާކަން ނަހުލާ ފާހަގަކުރެއްވިއެވެ. ނަމަވެސް މަޖިލީހަށް ލިބިފައިވަނީ ކޮންކޮން ޝަކުވާތަކެއްކަން ސާފުނުވާކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ޝަކުވާ ހުށަހެޅެނީ ކޮން ކަމަކާތޯ ހިއްސާކޮށް ދެއްވުމުން ނޫނީ އެ ޝަކުވާއަށް ފުރިހަމައަށް ޖަވާބުދާރީ ނުވެވޭނެކަމަށެވެ. އަދި އެކަންކަމުގެ ތަފްސީލް ހޯދަން އެދުމުންވެސް ކޮމިޓީން ފޮނުވީ ޝަކުވާ ހުރި ކަމަށް ބުނެ ސިޓީއެއް ކަމަށާއި، އެއީ ކޮން ޝަކުވާއެއްގެ ވާހަކަކަން އެ ސިޓީތަކުން ނޭނގޭކަމަށް ނަހުލާ ވިދާޅުވިއެވެ.

"އަނެއްކާ ވެސް އަޅުގަނޑުގެ ސުވާލު ރިޕީޓްކުރިން، އަޅުގަނޑަށް ޝަކުވާއެއް ވިދާޅުވެ ދެއްވާށޭ، ޝަކުވާ، ޝަކުވާ ވިދާޅުވިޔަސް އަޅުގަނޑަކަށް ޖަވާބު ދޭކަށް ނޭނގޭނެއޭ، ކޮންކަމަކާ ގުޅޭ ޝަކުވާއެއްތޯ ވިދާޅުވެ ނުވަނީހެއް." މިނިސްޓަރ ވިދާޅުވިއެވެ.

ނަހުލާގެ ވާހަކަފުޅުގައި ޓްރާންސްޕޯޓް އޮތޯރިޓީއާ ހަވާލުވެވަޑައިގެންނެވިއިރު، އެ އިދާރާގެ ހިދުމަތްތައް އޮތީ ވަރަށް ނިކަމެތިކޮށްކަން ފާހަގަކުރައްވައި، ހިދުމަތްތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ނަހުލާ ވިދާޅުވީ ކޮންމެވެސް ވަރަަކަށް ޓްރާންސްޕޯޓްގެ ހިދުމަތްތައް ލަސްވާ ކަމަށާއި އެހެންނަމަވެސް ކުރިއާ ބަލާފައި މިހާރު ހިދުމަތްތައް ލަސްވާ ކަމަށް ގަބޫލު ނުކުރައްވާކަމަށް ނަހުލާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު