އެލްޑީސީގެ ސިޑްސްގެ ޓްރަސްޓް ފަންޑުން 172 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އެލްޑީސީގެ ސިޑްސްގެ ޓްރަސްޓް ފަންޑް ވޯކްޝޮޕް ފޮރ ދަ އޭޝިޔާ، ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

އެލްޑީސީގެ ސިޑްސްގެ ޓްރަސްޓް ފަންޑަކީ ފަގީރު ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން އދގެ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލްގައި ބޭއްވުމަށް ޤާއިމްކޮށްފައިވާ ފަންޑެކެވެ.



އެލްޑީސީގެ ސިޑްސްގެ ޓްރަސްޓް ފަންޑް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ޝާހިދު ވަނީ މިއީ މިވަގުތަށް ވަރަށް މުހިއްމު ވޯކްޝޮޕެއްކަމަށާއި، އެކަމަށްޓަކައި އޮފީސް އޮފް ދަ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް އަދި ސެކްރެޓޭރިއަޓް އޮފް ދަ ޓްރަސްޓް ފަންޑް އަދި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރަށްވާފައެވެ.

ޝާހިދުގެ ވާހަކަފުޅުގައި 2012 ވަަނަ އަހަރު ޓްރަސްޓް ފަންޑް ޤާއިމްކުރުމަށް ރާއްޖެއިން ކުރި މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މި ޓްރަސްޓް ފަންޑުގެ ސަބަބުން އެކި ދާއިރާތަކުން އެހީތެރިކަން ލިބެމުންދާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ދުނިޔެއަކީ ގިނަ ބަޔަކު އުޅެމުންދާ ތަނަކަށްވާއިރު، އެންމެންގެ ހައްގުތައް ރައްކާތެރިކުރުމަކީ މިނިވަންކަމާއި އަމާންކަމާއި އިންސާފުގެ ބިންގާކަމަށެވެ. އަދި އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތުގެ ދަށުން މިކަންކަން ކަށަވަރުކުރުމަކީ އެންމެ އިސްކަން ދޭނެ މަސައްކަތްކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ޖެނުއަރީ 2014 އިން ފެށިގެން ޓްރަސްޓް ފަންޑުން ވަނީ 71 ޤައުމަކުން 172 ޑެލިގޭޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިކަން ފާހަގަކުރެއްވިއެވެ. އަދި މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު