ޅ. އަތޮޅު މަޑިވަރު އެއަރޕޯޓުގެ މަސައްކަތް ނިންމާ މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މުއްދަތު ދީފައިވާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މަޑިވަރު އެއަރޕޯޓަކީ ދިވެހި އަމިއްލަ ކުންފުންޏެއްކަމަށްވާ ކުރެއްދޫ ހޯލްޑިންގްސުން ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ.



މިކަމާއި ގުޅޭ އެއްބަސްވުން ގާއިމްކޮށްފައިވަނީ 29 މެއި 2018 ގައެވެ. ކުރެއްދޫ ހޯލްޑިންގްސުން އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއެވެ.

މަޑިވަރު އެއަރޕޯޓާއި ގުޅޭގޮތުން މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، މަޑިވަރު އެއަރޕޯޓު މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މުހުލަތެއް ދީފައިވާނެކަމަށެވެ. ނަމަވެސް އިތުރު ތަފްޞީލެއް ނުދެއްވައެވެ.

"މަޑިވަރު އެއަރޕޯޓް ހުޅުވުމަށް މިހާރު ވަގުތު ދެވިފައިވާނީ 31 ޑިސެމްބަރާއި ހަމައަށް." ނަހުލާ ވިދާޅުވިއެވެ.

މަޑިވަރު އެއަރޕޯޓު ތަރައްޤީކުރަނީ 1200 މީޓަރުގެ ރަންވޭއަކާއި ޓަރމިނަލާއި، އެއަރ ކްރާފްޓްތައް ޕާކުކުރުމަށް ޚާއްސަ ސަރަޙައްދާއި، ފަޔަރ ބިލްޑިންގ ހިމެނޭ ގޮތަށެވެ. މި މަސައްކަތުގައި މަޑިވަރުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުންވެސް ހިމެނެއެވެ.

ޅ އަތޮޅުގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމެވެ.



ކިޔުންތެރިންގެ ހިޔާލު