އަންނަ އަހަރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބޯހިމެނުމުގެ ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި އަވަށްތަކަށް އަމާޒުކޮށްގެން ޙަރަކާތެއް ފަށައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިޙަރަކާތް ހަމައެކަނި މާލޭގައި ކުރިއަށްގެންދިޔަ ނަމަވެސް ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގެ ރަށްރަށުގައިވެސް މިހަރަކާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކުން ބުނީ މިއީ ބޯހިމެނުމުގެ ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން އެޕްރޮގްރާމްގައި ބޭނުންކުރުމަށް ނިންމާފައިވާ ސުވާލުތައް ޓެސްޓުކޮށް މަޢުލޫމާތު ނެގޭ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ޙަރަކާތެއްކަމަށެވެ.

އަންގާރަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މިޙަރަކާތުގެ ތެރެއިން މާލޭގެ 4 ސަރަޙައްދަކުން 4 ބްލޮކްގައި ހިމެނޭ ގޭބިސީތަކަށް ސްޓެޓިސްޓިކްސް ބިއުރޯގެ މުވައްޒަފުން މަޢުލޫމާތު ހޯދުމަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ގަލޮޅު، މާލޭ މުނިސިޕަލް ބްލޮކް 150އާއި މައްޗަންގޯޅި މާލޭ މުނިސިޕަލް ބްލޮކް 177އާއި 174އާއި 227 އެވެ. މީގެއިތުރުން ވިލިމާލެއާއި ހުޅުމާލޭގައި ހޮވާލެވޭ ސަރަޙައްދުތަކުން ބައެއް ގޭބިސީތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ މިމަސައްކަތުގައި ޙަރަކާތްތެރިވާނީ ސްޓެޓިސްޓިކްސް ބިއުރޯގެ މުވައްޒަފުން ކަމަށެވެ. އަދި އޮފީސް ކާޑާއި މިކަމާ ގުޅޭ ސަރކިއުލާ، މުވައްޒަފުންގެ އަތުގައި އޮންނާނެކަމަށް އެފަރާތުން ބުނެއެވެ.

ބޯހިމެނުމަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ރައްޔިތުންގެ ޢާއްމު ޙާލަތާއި ދިރިއުޅުމުގެ ފެންވަރާއި ޢާމްދަނީ ބެހިގެންވާ ގޮތުގެ މަޢުލޫމާތު ޤައުމީ ފެންވަރުގައި އެއްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުގައެވެ. ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާއިން މިހާރު އަންނަނީ އަންނަ 2022 ވަނަ އަހަރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. ބޯހިމެނުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު