މޯލްޑިވްސް ސްޓޭޓް ޝިޕިން, ނުވަތަ ގައުމީ އާގުބޯޓުކުންފުންޏަށް އަންނަ ޖަނަވަރީމަހުގެ ތެރޭގައި އިތުރު ބޯޓެއް ގެންނާނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ، މޯލްޑިވްސް ސްޓޭޓް ޝިޕިންގައި މިހާރު އޮތް ބޯޓަކީ ކޮންޓެއިނަރ ބޯޓެއްކަމަށެވެ. ނަމަވެސް ޖަނަވަރީމަހުގެ ތެރޭގައި ބަލްކް ކެރިއަރ ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އަލަށް ގެންނަން މަސައްކަތްކުރާ ބޯޓަކީ އިމާރާތްކުރުމުގެ ސިނާއަތައް ބޭނުންވާ ތަކެތި ގެނައުމަށް ޚާއްސަ ބޯޓެއްކަމަށާއި މި ބޯޓުގެ ދަތުރުތައް ފެށުމުން ރާއްޖޭގައި އިމާރާތްކުރުމުގެ ސިނާއަތައް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ލިބެން ހުންނާނެކަމަށެވެ.

އަމްރު ވިދާޅުވީ 45000 ޓަނުގެ މި ބޯޓާއެކު އާންމު އެހެން ވިޔަފާރިތަކަށްވެސް އެ ބޯޓުގައި މުދާ ގެނެވޭނެކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމުން ކޮންސްޓްރަކްޝަން މެޓީރިއަލް އަގުބޮޑުނުވެ ލިބެން ހުންނާނެކަމަށް އަމްރު ވިދާޅުވިއެވެ.



މިދިޔަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައި ޚިދުމަތްދޭން ފެށި މޯލްޑިވްސް ސްޓޭޓް ޝިޕިންގއަކީ ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންއިންއަށް ގެނައި އެކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓު، "އެމްއެސް ގަލޭނާ" ފުރަތަމަ ފަހަރަށް މުދަލާއެކު މިމަހުގެ 23 ވަނަ ދުވަހު ރާއްޖެ ގެނެސް ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު