ސާފުތާހިރުކަން ކުޑަވެގެން "ދޮންގޮއްޔެ" ބްރޭންޑުގެ ކާބޯތަކެތި ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން "ދޮންގޮއްޔެ" ބްރޭންޑުގެ ކާބޯތަކެތި ވިއްކުން މަނާކޮށް، އެ ތަކެތި ބޭނުން ނުކުރުމަށް އަންގާފައިވަނީ އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން، ބެލިބެލުމަށްފަހުއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ "ދޮންގޮއްޔެ" ބްރޭންޑްގެ ކާބޯތަކެތި އުފައްދާ ތަން އެ އޮތޯރިޓީން ތަހުގީގު ކުރިއިރު އެތަނުގެ ސާފުތާހިރުކަން ވަރަށް ކުޑަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެތަނުގައި އުފައްދާ އަދި ބަންދުކުރާ ކާބޯތަކެތި ބޭނުންކުރުމަކީ އޭގެ ސަބަބުން އާއްމު ސިއްޙަތަށް ނޭދެވޭ އަސަރުކުރުވާ އަދި އެ ކާބޯތަކެތީގެ ޒަރީޢާއިން ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ޙާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތް ތަކެތިކަމަށްވެސް އޮތޯރިޓީން ބުނެއެވެ.

އެމްއެފްޑީއޭއިން ވަނީ މިހާތަނަށް ހުރި މި ބްރޭންޑްގެ ކާބޯތަކެތި ބާޒާރުގައި ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއްކަމުގައި އަންގާފައެވެ.

"ދޮންގޮއްޔެ" ބްރޭންޑުގެ ދަށުން މަސްމިރުސް، ތެލުލި ރިހާކުރު، ތެލުލިފަތް ފަދަ އެކި ބާވަތުގެ ކާނާ އުފައްދައި ބާޒާރަށް ނެރެ ވިއްކަމުން ގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު