އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ވިއްކުމުގެ މަސައްކަތްކުރުމަށް 60 އެޖެންޓުން އައްޔަންކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ކޮންސްޓްރަކްޝަން އެޖެންޓުކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯއިން އެފުރުސަތު ހުޅުވާލުމުން އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 60 ފަރާތަކަށް އެޖެންޓުކަން ކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ.

އެސްޓީއޯއިން ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް އެޖެންޓުން ހޯދަން އިއުލާންކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، ކޮންސްޓްރަކްޝަން އެޖެންޓުކަން ކުރަންބޭނުންވާ ފަރާތްތަކަށް އެސްޓީއޯއިން އެފުރުސަތު ހުޅުވާލީ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުންކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ހުރިހައި ރަށެއްގައިވެސް ފަސޭހަކަމާއިއެކީގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ވިޔަފާރިތަކަށް ވަދެ ވިޔަފާރި ކުރެވުން،. އަޅުގަނޑުމެން އެޖެންޓުކަން ހުޅުވާލީމަ 60 ފަރާތަކުން މިހާރު ވަނީ އެޖެންޓުކަން ނަގާފައި. އަދި އޭގެތެރޭގައި އެބަތިބި ކުރިން ކޮންސްޓްރަކްޝަން ވިޔަފާރި ނުކުރާ ފަރާތްތައްވެސް މިހާރު ހަމަ ވަރަށްރަނގަޅަށް ކޮންސްޓްރަކްޝަން މެޓީރިއަލް ނަގައިގެން އެ ވިޔަފާރި ކުރަމުންދަނީ." އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ކަނޑައަޅާ މި އޭޖެންޓުންގެ މަސައްކަތަކަށް ވާނީ އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ކަނޑައަޅާފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ޚިދުމަތް ދިނުންކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި، ހިލަ، ހިލަވެލި، ދަގަނޑު، ފްލައިވުޑް، ދަގަނޑު، ހޮޅީގެ އިތުރުން ޓިނު އަދި ޓިނާބެހޭ ސާމާނެވެ.



ކިޔުންތެރިންގެ ހިޔާލު