އަހުމަދު މަސްނޫމް   1 ޑިސެމްބަރު 2021 - 21:15
ޖެންޑަރ މިނިސްްޓްރީގެ ވަޒީފާގައި ތިބި 21 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވަޒީފާއިން ވަކިކުރި 21 މުވައްޒަފުންނަކީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކަމަށެވެ. އަދި އެ މުވައްޒަފުން ވަކިކުރީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން މާ ގިނަ މުވައްޒަފުން ބޭނުންނުވާތީކަމަށެވެ.

ޖެންޑަރގެ އޮފިޝަލު ވިދާޅުވީ ހިޔާގައި މަސައްކަތްކުރި 71 މުވައްޒަފަކަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ނޯޓިސް ދީފައިވާކަމަށާއި އަދި ބައެއް މުވައްޒަފުންނަށް އެ މިނިސްޓްރީގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން 43 މުވައްޒަފަކަށް ވަޒީފާ ހަމަޖައްސައިދީފައިވެއެވެ. އަދި ވަޒީފާއިން ވަކިކުރި 21 މުވައްޒަފުން، ވަޒީފާއިން ވަކިކުރަން ނިންމީ ސިވިލް ސާވިސް ކޮމިޝަންގެ ނިންމުމެއްގެ ދަށުންކަމަށްވެސް ޖެންޑާއިން ބުނެއެވެ.

ހިޔާގައި މަސައްކަތްކުރި 21 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ހިޔާގެ މައްސަލަތަކެއް ދާދިފަހުން ވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް ކުޑަކުދިންގެ ހިޔާ ބަލަހައްޓާ ޖެންޑާއިން ބުނެފައިވަނީ ހިޔާއަކީ އެކި އުމުފުރައިގެ އެކި ހާލަތްތައް ތަހައްމަލު ކުރަން ޖެހިފައިވާ ކުދިން ކަމަށްވާތީ އެފަދަ މައްސަލަތައް އެކުދިންގެ ފަރާތުން ފެނުމަކީ އާންމު ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު