ޤަވާއިދާއި ހިލާފަށް ރާއްޖެއިން ބޭރަށް ފައިސާ ބޭރުކުރާ މައްސަލައަކާއި ގުޅިގެން ދެ ބިދޭސީއަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ މުޙައްމަދު އިޤްބާލް ހޮސައިނާއި ޝޮހެލް ނަމަކަށްކިޔާ މީހެކެވެ.

ފުލުހުން ބުނީ މި މީހުން ހޯދަމުން ދަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރުފައިސާ ގަނެ ވިއްކައި، ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންކަމަށެވެ.

މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީއަކު މިދިޔަ އާދީއްތަދުވަހުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ބަންގްލަދޭހަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ ރަބީއުﷲ ނަމަކަށްކިޔާ މީހަކާއި، ޢުމުރުން 31 އަހަރުގެ މުޙައްމަދު ފިރުދައުސް ނަމަކަށްކިޔާ މީހެކެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތުވެސް ކޯޓުން ވަނީ އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު